ރޭޕް ކުރި މީހާގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު، ބަންދަށް އިތުރު 10 ދުވަސް

ރޭޕް ކުރުމާ ދެކޮޅަށް "ޖާގައެއް ނެތް" ނަމުގައި މާލޭގައި ކުރި މުޒާހިރާއެއްގެ ތެރެއިން: ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ވަނީ މީހަކު ހައްޔަރުކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތުކުރާ މީހާގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ފުލުހުން ކޮށްފައިވާއިރު އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފިއެވެ.

އަނިޔާ ލިބުނު ފަރާތުން އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ މައްސަލާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރަނީ, ހުޅުމާލޭގައި ދިވެހި އަންހެނަކާ ގަދަކަމުން ޖިންސީ އަމަލު ހިންގައި ރޭޕް ކުރިކަމަށެވެ.

ތުހުމަތުކުރެވޭ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އިތުރުކޮށްދީފައިވަނީ ފަސް ދުވަހެވެ.

އެ މުއްދަތު ހަމަވާން އެއް ދުވަހަށް ވުމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަސް އިތުރުކޮށްދީފައެވެ.

މުއްދަތު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ, މައްސަލައިގެ ބައެއް ހެކިންނަަށް ވަކިގޮތަކަށް ބަޔާން ދިނުމަށް ނުފޫޒު ކުރިމަތިކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން މައްސަލައިގައި ހިމެނޭ ބައެއް ހެކިންނަކީ ތުހުމަތުކުރެވޭ މީހާގެ ބެލެނިވެރިކަމުގެ ދަށުގައި އުޅެފައިވާ ބައެކެވެ. އޭގެ ތެރޭގައި އޭނާގެ ދޮން ދަރިން ވެސް ހިމެނެއެވެ.

ރޭޕްގެ ހަޑިމުޑުދާރު އަމަލުތަކުގެ މައްސަލަ ރާއްޖޭގައި ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެކަމަށް ތުއްތު ކުދިންއިން ފެށިގެން އުމުރުން ދުވަސްވީ މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ވެސް ވަނީ ހުށަހެޅިފައެވެ. މިއީ މި އަހަރު ރާއްޖޭގައި ރިޕޯޓްކުރި ރޭޕްގެ ފުރަތަމަ ކޭހެވެ.

comment ކޮމެންޓް