މުދައްރިސުންގެ މުސާރަ ގުޅިފައިވަނީ ރާއްޖޭގެ ތަރައްގީއާ: އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ: މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށް ނިންމުމާ ގުޅިގެން އެކަމަނާ ވަނީ ރައީސް ސޯލިހަށް ޝުކުރު ދަންނަވާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މުދައްރިސުންގެ މުސާރައިގެ މިންވަރު ގުޅިފައިވަނީ ރާއްޖޭގެ ތަރައްގީއާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ, ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ދާދި އަވަހަށް ބޮޑުވެގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ, މީގެ ކުރިން ދުވަހަކުވެސް ބޮޑު ކޮށްދީފައި ނުވާ މިންވަރަކަށް މުދައްރިސުންގެ މުސާރަ ބޮޑުކޮށްދެއްވަން އިއުލާނުކުރެއްވިކަމީ، ސްކޫލްތަކާ ގުޅިފައިވާ ހުރިހާ ފަރާތްތަކަށް ލިބުނު މަތިވެރި އުފަލެއް ކަމަށެވެ.

އެ ހުރިހާ ފަރާތްތަކެއްގެ ނަމުގައި މިނިސްޓަރު އައިޝަތު އަލީ ވަނީ ރައީސްއަށް ޝުކުރު ދަންނަވާފައެވެ.

"މުދައްރިސުންގެ މުސާރައިގެ މިންވަރު ގުޅިފައިވަނީ ދިވެހިރާއްޖޭގެ ތަރައްގީ އާ. މިކަމުން އަޅުގަނޑު އެދެނީ ހުނަރުވެރި ދަރިވަރުން މުދައްރިސްކަމާ ކުރިމަތިލާން. މޮޅެތި މުދައްރިސުން ވަޒީފާގައި ދެމިތިބޭން," މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ, ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށް ވީހިނދު އެ މީހުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ.

"އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން، މި ބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ ، އިތުރުގަޑި ނުލާ 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައަށް އަންނަ ކުރިއެރުމަކީ 56 ޕަސެންޓުގެ އިތުރުވުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް