މި އަހަރުގެ މެދުތެރޭ އާ މަސް މާރުކޭޓުގެ އަމަލީ މަސައްކަތް ފެށޭނެ: މޭޔަރު މުއިއްޒު

ލޯކަލް މާރުކޭޓު ސަރަހައްދު: އެތަނުގައި ޒަމާނީ ފެންވަރުގެ މާރުކޭޓެއް އެޅުމަށް ވަނީ ނިންމާފައި --- ސަން ފޮޓޯ

މާލޭ މަސް މާރުކޭޓު ތަޅާލުމަށްފަހު އާ މަސްމާރުކޭޓެއް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭ ފެށޭވަރުވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ އެ މަޝްރޫޢުއަކީ ބަޖެޓުގައި ހިމެނިފައި ނެތް މަޝްރޫޢުއެއްކަމުން މިހާރު ކުރިއަށްދަނީ އެކަމަށް ފަންޑު ހޯދަން ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.

އެ މަޝްރޫޢުގެ ކުރެހުން ނިމިފައިވިޔަސް އެއާމެދު ހިތްހަމަ ނުޖެހޭތީ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މިހާރު ހުރި މަސް މާރުކޭޓު ތަޅާލުމަށްފަހު އެތަނުގައި ގާއިމް ކުރަން ނިންމާފައި ވަނީ ޕާކިން ޒޯނެކެވެ. އަދި މަސް މާރުކޭޓް އަޅަން ހަމަޖެހިފައި ވަނީ ލޯކަލް މާރުކޭޓު ހުރި ތަނުގައެވެ.

މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން ނިންމާފައި ވަނީ ހުރިހާ މާރުކޭޓެއް އެއް ފުރާޅެއްގެ ދަށަށް ގެންނަން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ މާރުކޭޓެއް އެއް ފުރާޅެއްގެ ދަށަށް އަންނަ ގޮތަށް ތަންކޮޅެއް ޒަމާނީ ދިވެހިވަންތަކަން ދައްކުވައިދޭ ރީތި އައިކޮނިކް އިމާރާތެއް އަޅަން. ހުރިހާ ލޯކަލް މާރުކޭޓެއް އެއްތަނަކުން އަދި މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައްވެސް އެއްތަނަކުން ލިބޭނެ ގޮތަކަށް. އައިސް އަދި ތެލާ އެކަހަލަ ހުރިހާ ހިދުމަތްތަކެއް ލިބޭގޮތަށް އޯލް އިންކްލޫސިވް ޑިޒައިނަކަށް ދާން އަޅުގަނޑުމެން ބޭނުންވަނީ،" މޭޔަރު ވިދާޅުވިއެވެ.

މަސްމާރުކޭޓު ސަރަހައްދު: އެތަން ތަޅާލުމަށްފަހު ޕާކިން ޒޯނަކަށް ބަދަލުކުރަން ވަނީ ނިންމާފައި --- ސަން ފޮޓޯ

މަސް މާރުކޭޓުން ސިއްހީގޮތުން ރައްކާތެރިނޫން މަސް ވިއްކާ ކަމުގެ ޝަކުވާ އަބަދުވެސް ރައްޔިތުން ކުރެއެވެ. އަލަށް އިމާރާތްކުރާ މާރުކޭޓް ހުޅުވުމުން އެކަމަށް ވެސް ހައްލު ލިބޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ވަރަށް ޒަމާނީ އަދި ސިއްހީ ގޮތުން ރައްކާތެރި ތަނަކަށް ވާނެ އަދި ގިނަ މަސްވެރިންނަށްވެސް ފުރުސަތު ލިބޭނެ. ގަނެ ވިއްކާ ގިނަ ފަރާތްތަކަކަށް މި މާރުކޭޓު އެޅުމުން ވަޒީފާ ލިބޭނެ. އާމްދަނީ ހޯދާ ފަރާތްތަކާ ހިދުމަތް ހޯދާ ފަރާތްތަކަށް ރައްކާތެރިވާނެ މިތަން. އަދި ސިއްހީ ގޮތުން ހުންނަ ކަންބޮޑުވުން ތައް ހައްލުވާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް