މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ދުނިޔޭގެ ދެވަނަ ރަޝިއާގެ މެޑްވެޑޭވް ބަލިކޮށް ސްޕެއިންގެ ރަފައެލް ނަޑާލް އޭނާގެ 21 ވަނަ ގްރޭންޑް ސްލޭމް މުބާރާތް މިރޭ ކާމިޔާބު ކޮށްފިއެވެ.
މިރޭގެ ފައިނަލް ކާމިޔާބު ކުރުމާއެކު އޭނާއަށް ވަނީ އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފް ލިބިފައެވެ. މިއަދުގެ ފައިނަލްގެ ކުރިން ނަޑާލް އާއި ރޮޖާ ފެޑެރާ އަދި ނޯވަކް ޖޮކޮވިޗް ވެސް އޮތީ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައެވެ. ވިސާގެ މައްސަލައިގައި ޖޮކޮވިޗަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުނުއިރު ފެޑެރާ ވާދަނުކުރަނީ އަނިޔާގެ ސަބަބުންނެވެ. އެހެންކަމުން، މި ތިން ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ މުބާރާތުގައި ވާދަކުރީ ނަޑާލް އެކަންޏެވެ.
މިއަަހަރުގެ ފައިނަލަކީ 2009 ވަނަ އަހަރުގެ ފަހުން ނަޑާލް ކުޅުނު ފަސް ވަނަ ފައިނަލެވެ. މި މުބާރާތް ދެ ފަހަރު ކާމިޔާބުކުރުމާއެކު ނަޑާލް ވަނީ ޓެނިސް ތާރީހުގައި ގްރޭންޑް ސްލޭމް ހަތަރު މުބާރާތް އެއް ފަހަރަށް ވުރެ ގިނަ ފަަހަރު ހޯދި ހަތަރު ކުޅުންތެރިންގެ ލިސްޓުގައި ވެސް ހިމެނިފައެވެ.
މިއަދު ކުޅުނު ފައިނަލުގެ ފުރަތަމަ ސެޓުގެ ދެ ޕޮއިންޓް ނަޑާލް ހޯދާފައި ވަނިކޮށް، މެޑްވެޑޭވް ވަނީ 6-2 އިން ސެޓް ކާމިޔާބު ކޮށްފަ އެވެ. އަދި ދެވަނަ ސެޓުގެ ފުރަތަމަ ޕޮއިންޓުވެސް ހޯދީ މެޑްވެޑޭވް އެވެ. 40 ބޯޅައިގެން ދިގު ރެލީއަކަށްފަހު، ނަޑާލް ފަހަތުން އަރައި ލީޑު ނެގިއެވެ. އޭގެ ފަހުން ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނުއިރު، މެޑްވެޑޭވް އެއްވަރުކޮށް އޭނާ ސެޓް ގެންދިޔައީ ޓައި ބްރޭކާ އިން ކުރި ހޯދައިގެންނެވެ. އެއީ 7-6 (7-5) އިންނެވެ.
ފުރަތަމަ ދެ ސެޓު ގެއްލުން ތިން ވަނަ ސެޓު ހޯދަން މަޖުބޫރުވެ ނަޑާލް 6-4 އިން ސެޓު ކާމިޔާބުކުރިއެވެ. އަދި ހަތަރުވަނަ ސެޓުގައި ވެސް ނަޑާލް އޭނާގެ މޮޅު ހުނަރުވެރި ކުޅުން ދައްކައި، އެ ސެޓް ވެސް 6-4 އިން އޭނާ ކާމިޔާބުކުރިއެވެ.
ފަހު ސެޓު ފަށައިގެން ނަޑާލް ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައިވަނިކޮށް، މެޑްވެޑޭވް ފަހަތުން އަރައި އެއްވަރުކުރިއެވެ. ނަމަވެސް އިތުބާރާއެކު ކުޅެ 7-5 އިން ސެޓު ކާމިޔާބު ކޮށް ނަޑާލް ވަނީ އޭނާގެ 21 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައެވެ.
ފައިނަލްގެ މި މޮޅާއެކު ނަޑާލް ވެފައިވަނީ ޓެނިސްގެ އޯޕަން އެރާ (1968 ގެ ފަހުން) އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ފުރަތަމަ ދެ ސެޓުން ބަލިވެގެން ފަހަތުން އަރައި ތިން ސެޓު ނަގައިގެން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. ފަސް ގަޑިއިރާއި 24 މިނިޓަށް ދެމިގެން ދިޔަ މިރޭގެ ފައިނަލް ކާމިޔާބު ކުރުމާ އެކު އޭނާ ވަނީ ކެރިއަރުގައި 90 އޭޓީޕީ ޓައިޓަލް ހަމަކޮށްފަ އެވެ.