ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި މިހާރު ކުރިއަށްދާ މެޑްރިޑް އޯޕަން ޓެނިސް މުބާރަތުގެ ކުއާޓާ ފައިނަލަށް ނުގޮސް، މި މުބާރާތުގައި ވާދަކުރާ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ރަފައެލް ނަޑާލް ބަލިވެއްޖެއެވެ.
ނަޑާލް ބަލިވެފައިވަނީ ޗެކް ރިޕަބްލިކްގެ ޔީރީ ލެހޭކާއާއި ބައްދަލުކުރި މެޗުން ސީދާ ދެ ސެޓުންނެވެ.
މެޗުގެ ދެ ސެޓު ލެހޭކާ ކާމިޔާބުކޮށްފައިވަނީ 7-5 އަދި 6-4 އިންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ނަޑާލްވަނީ 5-5 އާ ހަމައަށް ދަންދެން ވަރަށް ރަނގަޅަށް ކުޅެފައެވެ. ނަމަވެސް ޖެހިގެން އައި ދެ ގޭމު ގެންގޮސް ލެހޭކާ ވަނީ މި ސެޓް ކާމިޔާބުކޮށްފައެވެ.
މި އަހަރަށް ފަހު ޓެނިސް ކުޅުން ހުއްޓައިލާކަން ހާމަކޮށްފައިވާ ނަޑާލަށް މި މުބާރާތް ވެގެންދިޔައީ މެޑްރިޑް އޯޕަންގައި ވާދަކުރާ ފަހު ފަހަރަށެވެ. އެހެންކަމުން، މި މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ ނަޑާލް މުބާރާތުގައި މީގެ ކުރިން ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް، ނަޑާލަށް އަލްވަދާއު ކިޔާފައެވެ.
މެޗަށް ފަހު ނަޑާލް މިހާތަނަށް ކާމިޔާބުކޮށްފައިވާ މެޑްރިޑް އޯޕަންގެ ފަސް މުބާރާތާ ގުޅޭ ވީޑިއޯއެއް ދެއްކުން އޮތެވެ. މިއާ އެކު ނަޑާލްވަނީ ސަމާސާކޮށްލުމުގެ ގޮތުން މިއީ ޖޯކެއް ކަމަށާއި އޭނާ މި އަންނަ ސީޒަންގައި ވެސް މި މުބާރާތުން ފެނިގެންދާނެ ކަމަށެވެ.
ނަޑާލް ބުނީ، މިއީ އޭނާއަށް ވަރަށް ފާހަގަކޮށްލެވުނު ހަފުތާއެއް ކަމަށެވެ. މި މެޗުން ބަލިވި ނަމަވެސް މުބާރާތުގައި އޭނާއަށް ދެއްކުނު ކުޅުމާ މެދު ހިތްހަމަޖެހޭކަން ހާމަކުރިއެވެ. މި މުބާރާތުގައި އިތުރު އެއް ފަހަރު ކުޅުމުގެ ފުރުސަތު ލިބިގެންދިޔައީތީ އޭނާ ވަރަށް އުފާކުރާ ކަމަށެވެ. އަދި، ނަޑާލްވަނީ އޭނާއަށް ކުޅިބެލުންތެރިންގެ ފަރާތުން ލިބިގެންދިޔަ ތާއިދަށް ޝުކުރު އަދާކޮށްފައެވެ. ނަޑާލްގެ މިހާރުގެ އުންމީދަކީ މި މަހުގެ ފަހު ކޮޅު ފެށުމަށް ހަމަޖެހިފައިވާ އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަންގައި ވާދަކުރުމެވެ.
މި މުބާރާތުގައި ލެހޭކާ ދެން ވާދަކުރުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑާނީލް މެޑްވެޑޭވާއެވެ. މެޑްވެޑޭވް ކުއާޓާ ފައިނަލުން ޖާގަހޯދީ ކަޒަކިސްތާންގެ އެލެގްޒެންޑާ ބުބްލިކްއާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ، 7-6 އަދި 6-4 އިންނެވެ.
މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިންގެ ކާލޯސް އަލްކަރާޒް ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ.
އެއީ، 23 ވަނައަށް ސީޑު ކުރެވިފައިވާ ޔާން ލެނާޑް ސްޓުރަފާ ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު އަލްކަރާޒް 6-3 އިން ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ސެޓު 6-7 އިން ކާމިޔާބުކުރީ ސްޓުރަފެވެ. އަދި، ފަހު ސެޓު އަލްކަރާޒް ކާމިޔާބުކޮށްފައިވަނީ 7-6 އިންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި އަލްކަރާޒް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ހަތްވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވްއާއެވެ. ރުބްލޭވް ކުއާޓާއިން ޖާގަހޯދީ ނެދަލަންޑްސްގެ ޓެލޯން ގްރީކްސްޕޯ 6-2 އަދި 6-4 ބަލިކޮށްގެންނެވެ.
މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ވަނީ ރަޝިއާގެ ކަރެން ހާޗަނޯވާއި ބައްދަލުކުރި މެޗު 5-7، 6-3 އަދި 6-3 ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ.