އޮލިމްޕިކްސްގައި ނަޑާލާއި ޖޯކޮވިޗްގެ ކުރިމަތިލުމެއް

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ޓެނިހުގެ ފިރިހެން ސިންގަލްސް އިވެންޓްގައި މި ވަގުތު ތިބި އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ސާބިއާގެ ނޯވަކް ޖޯކޮވިޗާއި ސްޕެއިންގެ ރަފައެލް ނަޑާލް ބައްދަލުކުރާގޮތަށް ހަމަޖެހިއްޖެއެވެ.

މި ދެ ކުޅުންތެރިން ބައްދަލުކުރާގޮތަށް ހަމަޖެހުނީ ނަޑާލް ފުރަތަމަ ބުރުގައި ހަންގޭރީގެ މާޓޮން ފުކްސޮވިޗްސާއި ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބުކުރުމުންނެވެ.

އުމުރުން 38 އަހަރުގެ ފަަލަމަސްގަނޑަށް އަނިޔާވެފައިވުމުން މިމެ ޗުގައި އޭނާ ކުޅޭނެކަމާ މެދު ވެސް ކުރިން ޝައްކު އުފެދިގެންދިޔައެވެ. ނަމަވެސް، ފަލަމަސްގަނޑު ވަރަށް ބޮޑަށް ބެންޑޭޖް ކޮށްފައިހުރި ނަޑާލް މެޗުގައިވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މި ގޮތުން ފުރަތަމަ ސެޓު ފަސޭހަކަމާ އެކު 6-1 އިން ނަޑާލް ކާމިޔާބުކުރިއިރު ދެވަނަ ސެޓު 4-6 އިން ކާމިޔާބުކުރީ ފުކްސޮވިޗްސެވެ. ފަހު ސެޓު ނަޑާލް ކާމިޔާބުކޮށްފައިވަނީ 6-4 އިންނެވެ. ނަޑާލް މި މެޗު ކުޅެފައިވަނީ ފިރިހެން ޑަބަލްސްގައި އަލްކަރާޒާ އެކު ކުޅެ މޮޅުވިތާ 24 ގަޑިއިރު ވެސް ހަމަނުވަނީހެވެ.

މި ކާމިޔާބީއާ އެކު ފިރިހެން ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުގައިވަނީ ގިނަ ބަޔަކު އެ ކުރިމަތިލުމަކަށް އިންތިޒާރުކުރާތާ ގިނަ ދުވަސްތަކެއްވެފައިވާ ކުރީގެ ދެ ވާދަވެރިން ކަމަށްވާ ނަޑާލާއި ޖޯކޮވިޗްގެ ކުރިމަތިލުމެއް ފެނިގެންދިއުމުގެ ނަސީބު ލިބިގެން ގޮސްފައެވެ.

މިއީ މި ދެ ކުޅުންތެރިން ވާދަކުރާ 60 ވަނަ މެޗެވެ. ނަޑާލާއި ޖޯކޮވިޗް ހޯދާފައިވާ ގްރޭން ސްލޭމް މުބާރާތަށް އެއްކޮށްލުމުން 46 މުބާރާތަށްވެގެންދެއެވެ. އެއީ، ޖޯކޮވިޗް ކާމިޔާބުކޮށްފައިވާ 24 މުބާރާތާއި ނަޑާލް ކާމިޔާބުކޮށްފައިވާ 22 މުބާރާތެވެ. ނަމަވެސް މި ފަހަރު މުބާރާތް ކުޅެމުންދާ ރޯލަންޑް ގެރޮސްގެ ކްލޭ ކޯޓުގެ އެންމެ ކާމިޔާބު ކުޅުންތެރިޔަކީ ނަޑާލެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ގޮތުގައި ފާހަގަވެފައިވާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ރަން މެޑަލް ނަޑާލް މީގެ ކުރިން ހޯދާފައިވީ ނަމަވެސް ޖޯކޮވިޗް މަސައްކަތްކުރަމުންދަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް ނުލިބި އޮތް ހަމައެކަނި ކާމިޔާބީ ކަމުގައިވާ އޮލިމްޕިކް ރަން މެޑަލް މި ފަހަރު ހޯދޭތޯއެވެ.

comment ކޮމެންޓް