ޔޫއެސް އޯޕަން މުބާރާތުން ނަޑާލް ކަޓައިފި

ރަފައެލް ނަޑާލް ސަޕޯޓަރުންނާ ސަލާމް ކުރަނީ -- ފޮޓޯ/ ނަޑާލް އިންސްޓަގްރާމް

ނިއުޔޯކްގެ ފްލަޝިން މެޑޯސްގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ބައިން ސްޕެއިންގެ ރަފައެލް ނަޑާލް ކަޓައިފިއެވެ.

ދުނިޔޭގެ ތިންވަނަ ޓެނިސް ކުޅުންތެރިއާގެ ގޮތުގައި މިވަގުތުހުރި ނަޑާލް ޔޫއެސް އޯޕަން މުބާރާތުން ކަޓާފައި ވަނީ ހަތަރު ވަނަ ބުރުގައި އެމެރިކާގެ ފްރާންސެސް ޓިއަފޯ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުން ނަޑާލް ބަލިވީ ތިނެއް އެކެއްގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ސެޓް 4-6ގެ ނަތީޖާއަކުން ޓިއަފޯ ގެންގޮސްފައިވަނިކޮށް ނަޑާލް ވަނީ ދެވަނަ ސެޓްގައި ކުޅުން ރަނގަޅުކޮށް 6-4 ގެ ނަތީޖާއިން އެ ސެޓް ކާމިޔާބުކޮށްފައެވެ. މެޗުގެ އަނެއް ދެސެޓް ޓިއަފޯ ގެންގޮސްފައިވަނީ، 4-6 އަދި 3-6 ނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނަޑާލް ބުނީ، މިފަދަ ނަތީޖާއެއް ނިކުތުމުން ކުރެވޭނެ ޝަކުވާތައް ވަރަށް ގިނަވާނެކަމަށާއި، އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ނުޖެހުނުނަމަ، ފަހަރެއްގައި ވިމްބަލްޑަން މުބާރާތްވެސް ކާމިޔާބު ކުރެވުނީސްކަމަށެވެ.

"އަނިޔާގެ ސަބަބުން އެންމެ މަތީ ފެންވަރުގައި ނުކުޅެވޭތާވެސް ދުވަސްވެއްޖެ. ސަބަބުތަކެއްވެސް އެބަހުރި. މިއަދުގެ މެޗުގައި އަހަރެންނަށް ނުކުޅެވޭ. އޭގެ ފައިދާ ޓިއާފޯ ކިތަންމެ ރަނގަޅަކަށްވެސް ނެގި،" ނަޑާލް ބުންޏެވެ.

ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ނަޑާލް ކެޓިނަމަވެސް އޭނާ ވަނީ، މިއަހަރު ބޭއްވި ފްރެންޗް އޯޕަން އަދި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައެވެ. ނަމަވެސް އަނިޔާގެ މައްސަލަތައް ދިމާވެ ނަޑާލް ވަނީ ނިމިގެންދިޔަ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލާއި ހިސާބުން ވަކިވެފައެވެ.

comment ކޮމެންޓް