ޔޫތް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުލަބް ގްރީން ސްޓްރީޓްސް އަތުން މޮޅުވެ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އައުކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ގްރާންޑޭއިން ކާމިޔާބުކުރީ 2-1 އިންނެވެ.
މެޗު ފަށައިގެން ގްރީންއިން ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރިއެވެ. މެޗްގެ ހަތް ވަނަ މިނެޓުގައި ގްރީންގެ ހުސެއިން އިލްޔާސް ސައީދު ގްރާންޑޭގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް އުފެއްދިއެވެ. އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގްރާންޑޭގެ ގޯލް ދަނޑި މަތިން ބޭރަށެވެ.
ލަނޑުޖަހައި ލީޑު ނެގުމަށް ގްރީންގެ އާދަމް އިލްޔާން އަހުމަދަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗްގެ 11 ވަނަ މިނެޓުގައި އޭނާ ފޮޮނުވާލި ބޯޅަ ގްރާންޑޭގެ ކީޕަރު ނައްފާޒު ސައުދު މަތަކުރިއެވެ. އޭގެ ދެ މިނެޓު ފަހުން ގްރީންއަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ މުހައްމަދު އައިހަމް ފޮނުވާލި ބޯޅަ އަމާޒުވީ ގްރާންޑޭގެ ގޯލު ދަނޑިއަށެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ގްރާންޑޭގެ މުހައްމަދު ލަޔާން އަހުމަދު ނަގައިދިން ބޯޅައެއް ގޯލަށް ފޮނުވާލަން އުޅުމުގެ ތެރޭގައި އެ ޓީމުގެ އިބްރާހިމް ނަޒީހަށް ގްރީންގެ ކީޕަރު އަލީ އަބާން މުހައްމަދު ކުރި ފައުލަކާ ގުޅިގެން ގްރާންޑޭއަށް ޕެނަލްޓީއެއް ލިބުނެވެ.
އެ ޓީމަށް ލިބުނު ޕެނަލްޓީ ކުރިއަށް ފޮނުވާލީ ލަޔާންއެވެ. މެޗުގެ 28 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގްރީންގެ ގޯލާ އަމާޒުނުވެ ބޭރަށެވެ. މިއީ ގްރާންޑޭއަށް މެޗުގައި ލަނޑު ޖަހައި ލީޑު ނަގަން ލިބުނު ތަނަވަސް ފުރުސަތެކެވެ.
މެޗުގައި ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރިއެވެ. ގްރީންއިންވެސް ގްރާންޑޭގެ ގޯލަށް އަމާޒުކޮށް ހަމަލާތަކެއް އުފެއްދުމަށް ކުރި މަސައްކަތުގެ ތެރެެއިން، މެޗުގެ 31 ވަނަ މިނެޓުގައި ގްރީންގެ އަލީ ޝަމްހާން އިބްރާހިމް ޝާހިދު ފޮނުވާލި ބޯޅަ ގްރާންޑޭގެ ކީޕަރު މަތަކުރިއެވެ.
މެޗްގެ 33 ވަނަ މިނެޓުގައި ގްރާންޑޭގެ ނަޒީހު ފޮނުވާލި ބޯޅަ ގްރީންގެ ގޯލަށް އަމާޒެއް ނުވިއެވެ، އޭގެ ހަތަރު މިނެޓު ފަހުން ގްރާންޑޭއިން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގިއެވެ. އެ ޓީމުގެ ނަޒީހު ދިން ޕާހަކުން ބޯޅަ ގޯލަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބު ކޮށްދިނީ ޝިމާން އަބްދުއް ޝަކޫރެވެ.
ގްރާންޑޭގެ ލަނޑަށްފަހު އެ ޓީމުން އިތުރަށް ލަނޑެއް ޖަހައި ލީޑު ފުޅާ ކުރަން މަސައްކަތް ކުރިއިރު، ގްރީން އިން ވެސް މެޗުގެ ނަތިޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރިއެވެ. މެޗުގެ 41 ވަނަ މިނެޓުގައި ގްރީންއަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ މުހައްމަދު ވިއާމް ވަހީދު ފޮނުވާލި ބޯޅަ ގްރާންޑޭގެ ކީޕަރު މަތަކުރިއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތަށް ރެފްރީ އެއް މިނެޓު ދެއްކިއިރު، އެ މިނެޓުގެ ތެރޭގައި ގްރާންޑޭއިން ލަނޑެއްޖަހައި ލީޑު ފުޅާ ކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިހްމާން ގާސިމްއެވެ. އޭނާގެ މި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން ގްރާންޑޭ ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފު ފަށައިގެންވެސް ގްރާންޑޭއިން އިތުރު ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑު ކުރުމަށް ވަރަށް މަސައްކަތްކުރިއެވެ. އެ ޓީމުން ގްރީންގެ ގޯލަށް އިިތުރު ހަމަލާތަކެއް ފޮނުވިއެވެ. މެޗުގެ 51 ވަނަ މިނެޓުގައި ގްރާންޑޭގެ ނަޒީހު ފޮނުވާލި ހަމަލާ ގްރީންގެ ކީޕަރު މަތަކުރިއެވެ.
އޭގެ ހަ މިނެޓު ފަހުން، މެޗުގެ 57 ވަނަ މިނެޓުގައި ގްރީންގެ ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ނަޒީހު ފޮނުވާލި ހަމަލާވެސް ގްރީނގެ ކީޕަރު މަތަކުރިއެވެ. 62 ވަނަ މިނެޓުގައި ގްރާންޑޭގެ އަހުމަދު ޖާހު މުހައްމަދު ފޮނުވާލި ހަމަލާވެސް ގްރީންގެ ކީޕަރު ހުށިޔާރުކަމާއެކު މަތަކުރިއެވެ.
އޭގެ މިނެޓެެއް ފަހުން، ގްރާންޑޭގެ އިތުރު ހަަމަލާއެއް އަނެއްކާވެސް ފެނުނުއިރު، އެ ޓީމުގެ ލަޔާން ފޮނުވާލި ހަމަލާ ގްރީންގެ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ. ގްރާންޑޭއިން ހަަމަލާތަކެއް އުފައްދަނިކޮށް ގްރީންއިން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށް އުންމީދު ހޯދިއެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ގްރީންއަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ އިލްޔާސް ނަގައިދިން ބޯޅަ ގޯލަށް ފޮނުވާލައިގެން ގްރީންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އައިހަމްއެވެ. ލަނޑަށް ފަހުވެސް ނަތީޖާ ހަމަ ހަމަ ކުރަން ގްރީންއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. 70 ވަނަ މިނެޓުގައި މުސްއަބު ފަޒީލް މުހައްމަދު ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.
ދެ ޓީމުންވެސް އިތުރު ހަމަލާތަކެއް އުފެއްދިއިރު، ދެ ޓީމުން ކުރެ އެއް ޓީމަކަށްވެސް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-1 އިން ދަ ގްރާންޑޭއިން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗު މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގްރާންޑޭގެ ޖޯޒީ ނަންބަރު 10، މުހައްމަދު ލަޔާން އަހުމަދެވެ.