ދިވެހިންނަށް ވިސާ ނެތި ތުރުކީއަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމައިފި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވްޝޯލޫ އާއެކު ބޭއްވި މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ވިސާ ފްރީ އެއްބަސް ވުމެއް ގާއިމު ކުރުމަށް ތުރުކީގެ ސަރުކާރަށް ހުށަހަޅުއްވާފައި ވާނެ ކަމަށެވެ. އަދި، އެ ގައުމުން މިހާރު އެކަމަށް އެއްބަސް ވެފައިވާ ކަމަށާއި، އެހެންކަމުން އެ ގައުމަށް ވިސާ ނެތި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން ރާއްޖޭގެ ފޮރިން ސާވިސް ހަރުދަނާކުރުމަށް ވެވުނު އެއްބަސްވުމަކާއި، ވިޔަފާރީގެ ދާއިރާއާއި، ތިމާވެށީގެ ދާއިރާ އަދި ސަގާފީ ތަރިކަ ހިމާޔަތްކުރުމުގެ ދާއިރާއިން އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.
މިއަދު ޗަވްޝޯލޫ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. މި ޒިޔާރަތުގައި ޓެރަރިޒަމް ހުއްޓުވުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ޗަވްޝޯލޫ ރާއްޖެ ވަޑައިގަތީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި ދަތުރުގެ ރަސްމީ ހުރިހާ ބައެއް ކުރިއަށް ދިޔައީ މިއަދުއެވެ.
ތުރުކީއަކީ މިފަހަކަށް އައިސް ގިނަ ދިވެހިންތަކެއް ދަތުރުކުރާ ގައުމެކެވެ. އެެއާއެކު އެ ގައުމާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ވެސް އަންނަނީ ގާއިމުވަމުންނެވެ. މީގެ 42 އަހަރު ކުރިން ރާއްޖެއާ ސިޔާސީގުޅުން ގާއިމުކުރި ތުރުކީއަށް މިހާރުވެސް އީ-ވިސާ ބޭނުންކޮށްގެން ދިވެހިންނަށް އެތެރެވެވެއެވެ.