އެމްއެންޕީން ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމުގެ ބޭނުމަކީ ޕީޕީއެމަށް ވޯޓް ހޯދައިދިނުންކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ށ. މަރޮށީގައި ރޭ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ އެމްއެންޕީއަކީ އަަބަދުވެސް ސަރުކާރަށް ވަރަށް ތާއީދުކުރާ ޕާޓީއެއް ކަމަށެވެ.
އެހެންނަމަވެސް މި ބައި އިލެކްޝަނަށް ކެންޑިޑޭޓަކު އެ ޕާޓީއަށް ލިބުމާއެކު އެ ޕާޓީއަށް ސަރުކާރު ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރުގައި ރަނގަޅު އެއްވެސް ސިފައެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
"މި އިންތިހާބަށް ކެންޑިޑޭޓަކު ލިބުމުގެ ކުރީ ދުވަހާ ހިސާބަށް މިއަށްވުރެ ރަނގަޅު ސަރުކާރެއް ނެތް. ހަމަ ނުލިބޭ އެކައްޗެއް ވެސް ނެތް. ފޯރުކޮށްނުދޭ ހިދުމަތެއް ވެސް ނެތް. އެހާ ރަނގަޅު ސަރުކާރެއްގޮތުގައި މި ސަރުކާރު އޮތީ،" ޝިފާޒު ވިދާޅުވިއެވެ.
އިންތިހާބަށް ކައިރިވަމުންދާ ވަރަކަށް އެމްއެންޕީން އެ ކުރާ ކަންތައް ސާފުވަމުންދާކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ. ވޯޓު ދިނުމުގެ ކުރިން ކޮމަނޑޫ ދާއިރާގެ ރައްޔިތުން ވިސްނަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ އެމްއެންޕީން އެ އުޅެނީ އެމްޑީޕީން ތަރައްގީއަށް ކުރާ އުންމީދުތަކާއި ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ހުވަފެންތައް ފުނޑުފުނޑު ކޮށްލަން ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި މިފަހަރު އެމްޑީޕީން ނަގައިފިނަމަ ދެން ސިޔާސީ މައިދާނުގައި އެ ޕާޓީއާއި ކައިރި ނުވެވޭނެ ކަން އެމްއެންޕީއަށް ޔަގީންވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެކަން އެ ކުރަނީ ކާކަށް ކޮންކަމެއް ކޮއްދެންތޯ. ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް އެތައް އަނިޔާއެއް ކުރިމަތި ކުރުވި ސަރުކާރެއެއް. އަދި އެ ޕާޓީގެ ބޭބޭފުޅުންވެސް ނަގާ ހައްޔަރު ކުރި ސަރުކާރެއް. އެހެންނަމަވެސް މިއަދު އެމްއެންޕީން އެ މަސައްކަތް ކުރަނީ އެބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯދަދޭން،" ޝިފާޒު ވިދާޅުވިއެވެ.
އެެމްއެންޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެވޭނެކަން ކަށަވަރު ވުމުން މިހާރު އެ ޕާޓީން އެ މަސައްކަތް ކުރަނީ އިދިކޮޅު ޕީޕީއެމަށް ގޮނޑި ކާމިޔާބު ކޮށްދޭންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ފޯރި އެ ދާއިރާގައި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
ޕާޓީތަކުގެ އިސް ބޭފުޅުން މިހާރު ވެސް ތިއްބެވީ އެ ދާއިރާގެ ރަށްތަކުގައެވެ. އެ ރަށްތަކުގައި ބާއްވާ ކެމްޕޭން ޖަލްސާތަކުގައި ޕާޓީތަކުގެ މެދުގައި ބަހުގެ ހޫނު ހަމާލާތަކެއް ބަދަލުކުރެއެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް ބައިވެރިވެރިވެވަޑައިގެން ރޭ ވަނީ ކޮމަންޑޫގައި ވެސް ޕީޕީއެމްގެ ކެމްޕޭން ޖަލްސާއެއް ބާއްވާފައެވެ.