އިންގްލިޝް ޕްރެމިއާ ލީގްގެ ރަސްކަން ކުރަމުން އަންނަ، މެންޗެސްޓާ ސިޓީގެ ކުޅަދާނަ މިޑްފީލްޑަރު ކެވިން ޑެ ބްރުޔެން ޗުއްޓީއަށް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މިލްކިއްޔާތުގައި 60 މިލިއަން ޑޮލަރު ހުރި، ޑެ ބްރުޔެންއާއި އޭނާގެ އަންހެނުންގެ އިތުރުން ތިން ދަރިން ރާއްޖެއައީ މިއަދު ހެނދުނެވެ. އެ މީހުން ޗުއްޓީ ހޭދަ ކުރުމަށް ދަނީ ވެލާ ޕްރައިވެޓް އައިލެންޑަށެވެ.
ވެލާއަކީ ރާއްޖެ އަންނަ މަހުޖަނުންނާއި ސެލެބްރިޓީން ވަރަށް ގިނައިން ޗުއްޓީއަށްދާ ރިސޯޓެކެވެ.
ބެލްޖިއަމްގެ ޑެ ބްރުޔެން މި ސީޒަންގައި ވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ދުނިޔޭގެ އެންމެ މޮޅު މިލްފީޑަރުންގެ ތެރޭގައި އުމުރުން 30 އަހަރުގެ ޑެ ބްރުޔެން ހިމެނެއެވެ.
ޑެ ބްރުޔެން އަކީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށް އެ ޓީމްގައި އެންމެ ކަމުދާ އެއް ކުޅުންތެރިޔާއެވެ. އޭނާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ މީގެ ކުރިން ބުނީ އޭނާ އިރުޝާދު ދިން ކުޅުންތެރިންގެ ތެރެއިން ބާސެލޯނާގެ ލިއޮނަލް މެސީ ނަގާފައި ދެން އެންމެ މޮޅު ކުޅުންތެރިއަކީ ޑެ ބްރުޔެން ކަމަށެވެ.