ވިމަސް ކުންފުންޏަށް އިތުރަށް ފައިސާ ދޫކުރި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އަންގައިފި

މާޗް، 4، 2021: ބަންޑާރަ ނައިބު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގއ. ވިލިނގިއްޔަށް ސުނާމީގައި ލިބުނު ގެއްލުންތަކުގައި ހަލާކުވި ގެތަކުގެ މަސައްކަތުގައި އުޅުނު ވިމަސް މޯލްޑިވްސްއަށް ދައުލަތުން 1.7 މިލިއަން ރުފިޔާ އިތުރަށް ދިން މައްސަލައިގައި އިހުމާލުވި ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނަށް ފިޔަވަޅު އަޅަން އަންގައިފިއެވެ.

މި މައްސަލައިގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފިލިޕިންސްގެ ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް (ޕީބީޑީސީ) އަށް ފައިސާ ދިނުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ފިނޭންސް މިނިސްޓްރީގެ މައްޗަށް ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ދެ ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލާތަށް ބަލާއިރު، ވިމަސް އަށް ނަގައިދެވޭނީ ޕީބީޑީސީން ކޮށްފައިވާ މަސައްކަތުގެ އަސްލު އަގުގެ ގޮތުގައި ހޯދަން އެދިފައިވާ 72،500 ރުފިޔާއެވެ.

އެހެންނަމަވެސް ވިމަސް ކުންފުންޏަށް ދިނުމަށް ފިނޭންސް މިނިސްޓްރީން ގއ. ވިލިނގިލީ ކޯޓަށް 1.8 މިލިއަން ޖަމާކުރިއެއެވެ. އަދި އެ ކޯޓުން ވަނީ ވިމަސް ކުންފުންޏަށް އެ 1.8 މިލިއަން ރުފިޔާ ދީފައެވެ.

ފިނޭންސް މިނިސްޓްރީން ފަހުން ބުނީ ގިނައިން ފައިސާ ޖަމާކުރެވުނީ އޮޅުމަކުން ކަމަށެވެ.

މި މައްސަލަ އިސްތިއުނާފުކުރުމުން، ހައިކޯޓުން ވެސް ވަނީ ޕީބީޑީސީއަށް ކޮށްދިން އަސްލު މަސައްކަތުގެ އަގުގެ ގޮތުގައި ހޯދަން ހުށަހެޅި 72،500 ރުފިޔާ ފިޔަވައި ބާކީ ހުރި 1.7 މިލިއަން ރުފިޔާ ހޯދައި، ފައިސާ ދޭން ކުރި އަމުރު އެ ކޯޓުން ކުރިން ބާތިލް ކޮށްފައި ވަނިކޮށް އެ ފައިސާ ދޫކުރުމުގައި ދައުލަތުގެ ފަރާތުން އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ހުކުމް ކޮށްފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ، ވިމަސްއަށް އިތުރަށް ދޫކުރި 1.7 މިލިއަން ރުފިޔާ އަނބުރާ ހޯދުމުގެ މައްސަލަ މިހާރު ސިވިލް ކޯޓަށް ހުށަހަޅައި، އެ މައްސަލަ ކޯޓުގައި ކުރިއަށްދާ ކަމަށެވެ.

ހަމައެހެންމެ ވިމަސްއަށް އިތުރަށް ފައިސާ ޖަމާކޮށްދިނުމުގައި ފިނޭންސް މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލެއްވާނަމަ، ފިޔަވަޅު އެޅުމަށް އެ މިނިސްޓްރީއަށް ވެސް އަންގައިފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް