ބުލީކުރުން ނުވަތަ ހަނގާކުރުމަކީ ގާނޫނީ ކުށަކަށް ހަދައި އެކަން ހުއްޓުވުމަށްޓަކައި، އެންޓި-ބުލީ ގާނޫނެއް ހަދަން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
ސިލްސިލާކޮށް ކޮންމެ ހަފުތާއެއްގެ ކޮންމެ ހޯމަ ދުވަހެއްގައި ބާއްވަވާ ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ހަނގާކުރުމަކީ މުޖުތަމައު ތެރޭ މޫލައިފައި އޮތް ޒަމާންވީ، ބައިވަރު މައްސަލަތައް ހިމެނޭ ނުރަނގަޅު އާދައެއް ކަމަށެވެ.
"މިކަން އިތުރަށް ގާނޫނީ ނިޒާމުގެ ތެރެއިން ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކި ކަހަލަ މެޝާސްތައް ލުމަށްޓަކައި، އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބުލީކުރުން އެއީ ގާނޫނެއް ކުށެއް ކަމަށް ކަނޑައެޅުމަށް، އެކަމާ ގުޅޭ ޚާއްސަ ގާނޫނެއް، އެންޓި-ބުލީ ގާނޫނެއް ތައާރަފުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށައިފިން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ބިލު ފަރުމާކޮށް، މަޝްވަރާއަށް ފަހު މަޖިލީހަށް ފޮނުވާނެ ކަމަށެވެ. މި ގާނޫނު އައުމުގެ ސަބަބުން ހަނގާކުރުމުގެ މައްސަލަ ހައްލުކުރުމަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެ ގާނޫނުގައި ބުލީކުރުމުގެ އަމަލުތަކާއި ގާނޫނު ހިނގާ ދާއިރާތައް ބަޔާންކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މީގެ ތެރޭގައި ސްކޫލުތަކާއި އެހެނިހެން ތައުލީމީ މަރުކަޒުތަކާއި އެ ތަންތަނުގައި ކިޔަވާ ކުދިންނާއި މަސައްކަތްކުރާ ހުރިހާ ފަރާތްތައް، އަދި ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ތަންތަނުން ޚިދުމަތް ލިބިގަންނަ މީހުން ހިމެނޭހެން ތަފުސީލުކޮށް މި ބިލުގައި ތަފުސީލުކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ވިދާޅުވީ ބުލީކުރުން ނުވަތަ ހަނގާކުރުމަކީ ގާނޫނީ ކުށަކަށް ހަދައި އެކަން ހުއްޓުވުމަށްޓަކައި، އެންޓި-ބުލީ ގާނޫނެއް ހަދަން ސަރުކާރުން ނިންމައިފައިވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
އޭގެ އިތުރުން، އޮންލައިންކޮށް ހަނގާކުރުން ހުއްޓުވުމުގެ ބައިތަކާއި، ސްކޫލުތަކުގައި ހަނގާކުރުން ހުއްޓުވުމަށް ޚާއްސަ ސިޔާސަތުތަކެއް އެކުލަވައިލުމުގެ ބައިތައް ވެސް ބިލުގައި ތަފުސީލުކޮށް ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހަނގާކުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހުރިހާ ބައެއްގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވަނީ ހަނގާކުރުން ހުއްޓުވުމަށްޓަކައި މުޖުތަމައުގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ސްކޫލު މާހައުލާއި މަސައްކަތު މާހައުލުގައި ހަނގާކުރުން ރާއްޖޭގައި ވެސް އާންމެވެ. އެ ގޮތުން، ސްކޫލު މާހައުލުގައި ހަނގާކުރުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާއިރު، އެކަން ހުއްޓުވުމަށްޓަކައި ސްކޫލުތަކުން އެދެވޭ ފިޔަވަޅުތައް ނޭޅޭ ކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކުރެއެވެ.