ސައުދީ ކޯލިޝަނުން ޔަމަނުގެ ޖަލަކަށް ދިން ވައިގެ ހަމަލާއެއްގައި 70 މީހަކު މަރު

ޔަމަނުގެ ހުދައިދާ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައި--

ސައުދީ ކޯލިޝަނުން ޔަމަނުގެ ޖަލަކަށްދިން ވައިގެ ހަމަލާއެއްގައި 70 މީހަކު މަރުވެއްޖެއެވެ.

ޔަމަނުގެ ހޫތީން އަބޫދާބީއަށް ދިން ހަމަލާއަކަށް ފަހު ސައުދީ ކޯލިޝަނުން ވަނީ ހޫތީންނަށް ކަމަށް ބުނެ ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ.

އެގޮތުން ހޫތީން ވެރިކަންކުރާ ޔަމަނުގެ އުތުރުގެ ސަހަރެއްގެ ޖަލަކަށް ސައުދީން ދިން މި ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް)އިން ބުނެއެވެ.

ސައުދީން ޔަމަނުގެ ހުދައިދާއަށް ދިން ހަމަލާއެއްގައި އެ ގައުމުން އިންޓަނެޓުގެ ޚިދުމަތްވެސް ކެނޑިފައިވާއިރު، އެ ހަމަލާގައިވެސް 60 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރެއިން ގިނައީ ބިދޭސީ މަސައްކަތްތެރިންނާއި ކުޑަކުދިންކަމަށް އެ ގައުމުން ރިޕޯޓްކުރެއެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެ ހަމަލާގައި 100 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ވެފައެވެ.

ޔޫއޭއީގެ އަބޫދާބީއަށް ޔަމަނުގެ ހޫތީން ހަމަލާ ދިނުމުގެ ސަބަބުން ޔޫއޭއީވެސް ނިސްބަތްވާ ސައުދީ ކޯލިޝަނުން ވަނީ ޔަމަނަށް ގިނަ ހަމަލާތަކެއް ދޭން ފަށާފައެވެ.

comment ކޮމެންޓް