ކިންގް އަބްދުލްއަޒީޒް ގުރުއާން މުބާރާތުގެ ބައިވެރިންނަށް 1.5 މިލިއަން ރިޔާލް: ދިވެހި ދަރިވަރެއް ވެސް ހިމެނޭ

ކިންގް ޢަބްދުލްޢަޒީޒް ޤުރްއާން މުބާރާތުގެ ފައިނަލް ކޮލިފައިން ބުރަށްފަހު، މަދީނާއަށް ދެވުމުން އެ މުބާރާތުގެ ބައެއް ބައިވެރިން އެކަމުގެ އުފާ ފާޅުކޮށްފިއިވޭ.... ފޮޓޯ/ އެސްޕީއޭ

މައްކާގައި ބޭއްވުނު 46 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން ފޯ މެމޮރައިޒިން، ރިސައިޓިން އެންޑް އިންޓަޕްރިޓިން ދަ ހޯލީ ގުރުއާން މުބާރާތުގެ ބައިވެރިންގެ މަސައްކަތް ފާހަގަކޮށް، ހިތްވަރު ދިނުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރީން ޖުމްލަ 1.5 މިލިއަނަށް ވުރެ ގިނަ ރިޔާލް ބަހައިފިއެވެ.

އެގޮތުން ކޮންމެ ބައިވެރިއަކަށް ވަނީ 5،000 ސައޫދީ ރިޔާލް (1،332 ޑޮލަރު) ގެ ފައިސާގެ އިނާމެއް ދީފައެވެ.

ސައޫދީ ޕްރެސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، ހަ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތުގައި 133 ގައުމަކުން 334 ބައިވެރިން ވާދަކުރިއެވެ.

މީގެ އިތުރުން، މި ފަހަރުގެ މުބާރާތުގެ ޖުމްލަ އިނާމުގެ އަގު 10.26 މިލިއަން ސައޫދީ ރިޔާލަށް އަރާއިރު، މުބާރާތުގެ ފަސް ކެޓަގަރީގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން ފަސް ވަނަ ހިމެނޭހެން ޖުމްލަ 50 ފަރާތެއް ވަނީ ވަނަތައް ހާސިލްކޮށްފައެވެ.

މި އަހަރުގެ މުބާރާތަކީ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އަންހެން ބައިވެރިންނަށް ފުރުސަތު ދިން ފަހަރެވެ. ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޝައިޚް އަބްދުއްލަތީފް އަލް-އައްޝައިޚް ވަނީ ސައޫދީ ލީޑަޝިޕުން ގުރުއާނަށާއި ގުރުއާން ހިތުދަސް ބޭފުޅުންނަށް ދެއްވާ އެއްބާރުލުމަށް ތައުރީފު ކުރައްވާފައެވެ.

އިންސާފުވެރިކަމާއި ފުރިހަމަކަން ކަށަވަރު ކުރުމަށް ޓަކައި މިފަހަރުގެ މުބާރާތުގައި އިލެކްޓްރޯނިކް ޖަޖިން ނިޒާމު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

މުބާރާތަށްފަހު ބައިވެރިން ވަނީ މައްކާގެ ކްލޮކް ޓަވަ މިއުޒިއަމް ބަލައިލުމުގެ ދަތުރެއް ފުރިހަމަކޮށް، މަދީނާއަށް ޒިޔާރަތްކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވި ރާއްޖޭގެ މޫސާ އަޝްރަފް ބުނީ، މިއީ އޭނާގެ ހަޔާތުގައި ތަޖުރިބާކުރެވުނު އެންމެ ރަނގަޅު އެއް ކަންތައް ކަމަށާއި، ވާދަވެރި މާހައުލެއްގައި ގުރުއާން މުރާޖައާ ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

އަދި މައްކާއިން ފެށިގެން މަދީނާއަށް ދިއުމާ ހަމައަށް އިންތިޒާމުތައް ފުރިހަމަކަމުން އޭނާ ވަނީ އިންތިޒާމުކުރި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް