ޔާމީން ރަޝީދު މަރާލުން: ދޫވި މީހުންގެ މައްސަލަ އިސްތިއުނާފު ކުރަނީ

ޔާމީން ރަޝީދު އަދި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ---

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި ކަމުގެ ދައުވާ އުފުލި މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ނިޔަތް އޮތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޔާމީން ރަޝީދު މަރާލި ކަމުގެ ކުށް ސާބިތުވެ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށް ލުމަށާއި ގިސާސްގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އިއްޔެއެވެ.

މި މައްސަލައިގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހަތަރު މީހުންނަކީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާންއާއި، މ. ކުދެހިގެ، ހަސަން ޝިފާޒުއާއި، މ. ތާއިފް، އިސްމާއީލް ރަޝީދުއާއި، ކޮޅުފުށި، އީސްޓް، ހުސައިން ޒިޔާދެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިމައްސަލައިގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމުން، އެ ރިޕޯޓް ދިރާސާކުރުމަށްފަހު، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މި ހަތަރު މީހުންގެ ބައި އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

މި މައްސަލައިގައި ކުށް ސާބިތުވި އިސްމާއިލް ހައިޝަމް ރަޝީދު އާއި އަހްމަދު ޒިހާންއަކީ, ޔާމީން ރަޝީދު މަރާލުމުގެ އަމަލުގައި އަމަލީގޮތުން ބައިވެރިވެ، މިކަމުގައި އެންމެ އިސްދައުރެއް އަދާކުރި ދެ މީހުން ވުމުން، މި ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ މިމައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޕީޖީން ވަނީ ސިފަކޮށްފައެވެ.

ޔާމީން ރަޝީދު މަރާލައިފަވަނީ 2017 ވަަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ މ. ސްޕެޓީއުލާ ގޭ ސިޑި ކައިރިގައެވެ. އޭނާގެ ގައިގެ 30 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވެއެވެ.

comment ކޮމެންޓް