އީރާނުން ރަޝިއާއާ ސްޓްރެޓީޖިކް ގުޅުންތައް އުފައްދައި ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

އީރާނާއި ރަޝިއާގެ ރައީސުން

މޮސްކޯ (20 ޖަނަވަރީ 2022) : އީރާނުގެ ރައީސް އިބްރާހީމް ރައީސީ ރަޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ދެގައުމުން އުފައްދަނީ ސްޓްރެޓީޖިކް ލެވެލްގެ މަތީފެންވަރުގެ ގުޅުންތަކެއް ކަމަށާ މިއީ އީރާނުގެ ސިޔާސަތަށް ގެންނަ "ބޮޑު ބަދަލެއް" ކަމަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވެއްޖެއެވެ.

ރަޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ތެހެރާން އިންޓަނޭޝަނަލް އެއާޕޯޓްގައި ދެއްވި ބަޔާނެއްގައި ރައީސީ ވިދާޅުވީ އީރާނާއި ރަޝިއާގެ ގުޅުންތައް ސްޓްރެޓީޖިކް ފެންވަރަށް މައްޗަށް ޖެއްސުމަކީ ދުނިޔޭގައި ހަންފެތުރުމަށް އެމެރިކާ ގެންގުޅޭ ޔުނިލޭޓަރިޒަމް (އެމެރިކާ އެކަނި ބޮޑުބާރެއްގެ ގޮތުގައި އޮންނަ ދެމިއޮތުން) ނިމުމަކަށް ގެނައުމަށް ޗައިނާއާއި ރަޝިއާ ފަދަ ބާރުތަކުން އަދާކުރާ ދައުރު އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމުގައެވެ.

މީގެއިތުރުން މިއީ ސަރަހައްދީ ގުޅުންތަކުގައިވެސް ރަޝިއާއާއި އީރާނުގެ ދައުރު އިތުރަށް ހަރުދާނާވެގެންދާނެ ގުޅުންތަކެއްކަން ރައީސީ ފާހަގަ ކުރެއްވިއެވެ. ރަޝިއާއާއި އީރާނަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުވެފައިވާ ދެގައުމު ކަމަށްވާތީ އެފިޔަވަޅުތަކާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތްކުރުމަކީވެސް ރަޝިއާއާއި އީރާނުގެ ގުޅުމުގެ ބައެއްކަން ރައީސީ ފާހަގަ ކުރެއްވިއެވެ.

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ ދައުވަތަކަށް ރައީސީ ކުރައްވާ ދަތުރުފުޅުގައި އިއްޔެވަނީ މޮސްކޯއަށް ވަޑައިގެން ރައީސް ވްލަޑިމީރު ޕޫޓިން އާ ކްރެމްލިންގައި ބައްދަލު ކުރައްވައި ރަސްމީ ވާހަކަތައް ބާއްވާފައެވެ.

ދެބޭފުޅުންގެ ވާހަކަތައް ކުރިޔަށްދިޔައީ ސިޔާސީ، އަސްކަރީ، އަދި އިގްތިސާދީ އަދި ސައެންސާއި ޓެކްނޮލޮޖީއާބެހޭ ދާއިރާތަކުގައި ދެގައުމުގެގުޅުންތައް ހަރުދަނާކޮށް އެގުޅުންތައް ސްޓްރެޓީޖިކް ލެވެލްއަށް ގެންދިޔުމާ ބެހޭގޮތުންނެވެ. މީގެއިތުރުން ސޫރިޔާގެ މައްސަލައާއި އަފްޣާނިސްތާނުގެ މައްސަލަފަދަ ސަރަހައްދީ މައްސަލަތަކާބެހޭގޮތުންނާ އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާބެހޭގޮތުންވެސް ރައީސީ އާއި ޕޫޓިން މަޝްވަރާ ކުރެއްވިއެވެ.

ޕޫޓިންއާއި އިބްރާހީމް ރައީސީ ކްރެމްލިންގައި ބައްދަލުކުރައްވަނީ

މިމަޝްވަރާތަކަށްފަހު ޕޫޓިންވަނީ އީރާނާއި ރަޝިއާއާ ދެމެދު ގާއިމްކުރަމުން މިދަނީ ސިޔާސީ އަސްކަރީ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ދާއިރާތަކުގައި ސްޓްރެޓީޖިކް ގުޅުންތަކެއްކަން ފާހަގަކުރައްވައި މި ގުޅުންތަކުގެ ސަބަބުން ދެގައުމަށް އިތުރު ކުރިއެރުން ލިބުމުގެ އިތުރުން މިއީ ސަރަހައްދީ ލެވެލްގައި ހަމަޖެހުން ގާއިމް ކުރުމަށް އެޅޭ ބާރެއްކަން ފާހަގަ ކުރައްވާފައެވެ.

އީރާނުގެ ރައީސް ގެ އަރިހުގައި އީރާނުގެ މަތީފެންވަރުގެ ވަފްދެއް ރަޝިއާއަށް ވަޑައިގެންނެވިއެވެ. މިވަފްދުގެ ބޭފުޅުން ރަޝިއާގެ މަސްއޫލުވެރިންނާއެކު ގިނަ އަދަދެއްގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އީރާނުގެ ރައީސްގެ ދަތުރުފުޅުގައި ރަޝިއާއިން ހަތިޔާރު ގަތުމާއި ރަޝިއާއިން އުފައްދާ ފައިޓާޖެޓާއި މިސައިލް އައްޑަނައިގެ ނިޒާމުފަދަ އަސްކަރީ ބޮޑެތި ސިނާއަތުގެ ކާރުޚާނާތައް އީރާނުގައި ބިނާކުރުމާބެހޭ އެއްބަސްވުންތައް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ.

އީރާނުގެ ރައީސް ރަޝިޔާއަށް ވަޑައިގެންފައި މިވަނީ އީރާނުން ޗައިނާއާ އެކުވެސް ސްޓްރެޓީޖިކް ގުޅުންތަކެއް އުފައްދަމުން ގެންދާ ވަގުތެއްގައެވެ. މިކަމަށްޓަކައި އީރާނުގެ ޚާރިޖީ ވަޒީރާއެކު އީރާނުގެ އިސް ވަފްދެއް މިހަފްތާގައިވަނީ ޗައިނާއަށް ވަޑައިގެންފައެވެ.

އީރާނާއި ޗައިނާވަނީ މިދިޔަ އަހަރު 25 އަހަރުގެ ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޗައިނާއަށް ވަޑައިގެންނެވީ މިއެއްބަސްވުމުގެ ދަށުން ޗައިނާގެ ކުންފުނިތަކުން އީރާންގައި ކުރުމަށް ހަމަޖެހިފައިވާ އިންވެސްޓްމަންޓްތައް އަވަސްކުރުމާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ. މިއެއްބަސްވުމުގެ އަގު 450 ބިލިޔަން ޑޮލަރަށް އަރާކަމަށްވެއެވެ. މީގެތެރޭގައި ޗައިނާއިން 100 ބިލިޔަން ޑޮލަރު އީރާނުގައި އިންވެސްޓް ކުރުންވެސް ހިމެނެއެވެ.

އީރާނުން ޗައިނާއާއި ރަޝިއާ ސްޓްރެޓީޖިކް ގުޅުންތައް މި އުފައްދަނީ އެގައުމުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަ ވުމުގެ ވާހަކަތައް ވިއެނާގައި ކުރިޔަށްދާ ވަގުތެއްގައިވެސް މެއެވެ.

އީރާނުގެ މިސްރާބު ޗައިނާއާ އަދި ރަޝިއާ ދިމާއަށް ދިމާއަށް ބަދަލުކޮށްލުމުގެ ފަހަތުގައިވާ ސަބަބުތަކުގެ ތެރޭގައި ޗައިނާ ދުނިޔޭގެ ހައިޕާ ޕަވަރެއްގެ ގޮތުގައި ފާޅުވާން ފެށުމާއި މުސްތަގްބަލްގައި އެމެރިކާގެ ބާރު ކުޑަވެގެންދާނެކަން އީރާނަށް އިހްސާސް ކުރެވުން ހިމެނެއެވެ. މީގެއިތުރުން އެމެރިކާއާ ކުރިމަތިލުމަށްޓަކައި ޗައިނާއާއި ރަޝިއާ އާ ގުޅިގެން އީރާނުގެ އިގްތިސާދީ އަސްކަރީ އަދި ޓެކްނޮލޮޖީގެ ބާރު ގަދަކުރުމާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ކަނޑުވާލުންފަދަ ކަންކަންވެސް މިކަމުގައި ހިމެނޭކަމަށް މުހައްލިލުން ވިދާޅުވެއެވެ.

comment ކޮމެންޓް