އީރާނުން އެމެރިކާގެ ޖީ.ބީ.ޔޫ-57 މަރުކާގެ ބަންކާބަސްޓާ ބޮމުގެ ޓެކްނޮލޮޖީ ދެނެގެންފި

ތެހެރާން (21 އޮކްޓޯބަރު 2026) : އެމެރިކާ އީރާން އާ ދެކޮޅަށް ފަށާފައިވާ ޣައިރުގާނޫނީ ހަނގުރާމައިގާ އީރާނުގެ ފަރުބަދަތަކުގެ އަޑީގައިވާ މަރުކަޒެއް ހަލާކުކޮށްލުމަށް އަޅާފައިވާ ބޮމުގެ ޓެކްނޮލޮޖީ އާއި އެބޮން އުފައްދާފައިވާ ގޮތް ރިވާސް އިންޖިނިއަރިންގް ބޭނުންކޮށްގެން ދެނެގަނެވިއްޖެކަން އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުގެ އިންޖިނިއަރިން ކޯޕްސް ގެ އޮފްސަރެއްކަމަށްވާ ކާނަލް މުހައްމަދު ރިޟާ ނަގްދީ ވިދާޅުވިގޮތުގައި އެމެރިކާ އީރާނަށް އެޅި ބޮންތަކުގެ ތެރެއިން ނުގޮވައި ސަލާމަތުން ހުރި ބޮންތަކުގެ ތެރޭގައި ޖީ.ބީ.ޔޫ. -57 މަރުކާގެ ބަންކަރ ބަސްޓާ ދެ ބޮން ހިމެނިފައިވާއިރު މިދެބޮން ރޫޅާލައި އޭގެ ޓެކްނޮލޮޖީ ދެނެގަތުމަށް އީރާނުގެ އިންޖިނޭރުންނާއި ސައެންސްވެރިންގެ ޓީމުތަކުން ކުރި ދިރާސާތަކުގެ ނަތީޖާއެއްގެ ގޮތުން މިބާވަތުގެ ބޮމުގެ ޓެކްނޮލޮޖީ މިހާރުވަނީ ދެނެގަނެވިފައެވެ.

ދެނެގެނެވިފައިވާ ޓެކްނޮލޮޖީގެ ތެރޭގައި މިބާވަތުގެ ބޮމުގައިވާ އިލެކްޓްރޯކޮނިކް ޗިޕްތަކާއި ސާކިޓްތައް އަދި އޭގައި ހިމެނޭ އެލޮއިސްތަކާއި ސެމިކޮންޑަކްޓާސްއާއި ޗިޕްތައް އުފައްދާފައިވާ ގޮތާއި ބޭނުންކޮށްފައިވާ މެޓީރިއަލް ހިމެނޭކަން ކާނަލް ރިޟާ ފާހަގަކުރެއްވިއެވެ. މިހާރު މަސައްކަތް ކުރަމުންދަނީ މި ޓެކްނޮލޮޖީގެ އަލީގައި މިބާވަތުގެ ބޮން އަމިއްލައަށް އުފެއްދުމަށް ކަމަށްވެސް ކާނަލް ރިޟާ ވިދާޅުވިއެވެ. އީރާނަކީ ރިވާސް އިންޖިނިއަރިންގެ ދާއިރާގައި ކުރިއަރާފައިވާ ގައުމެކެވެ. ރިވާސް އިންޖިނިއަރިންގެ ރީސާޗްތައް ވެސް ވަރަށް ކުރީއްސުރެ ފުޅާދާއިރާއެއްގައި އީރާން ކުރަމުންގެންދެއެވެ. މިކަމާބެހޭ ރީސާޗް އިންސްޓިޓިއުޓްތަކާއި ކާރުޚާނާތަކާއި ލެބޯޓްރީތައް އީރާނުގައި އެބަހުއްޓެވެ.

ރިޕޯޓްތައް ބުނާގޮތުން މިދިޔައަހަރުގެ ޖުލައިމަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް އެޅި ބޮންތަކާ އަދި މިއަހަރުގެ ފެބްރުއަރީމަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން އެތަށް ހާސް ހަމަލާތަކެއްގައި ބޭނުންކުރި ބޮމާއި ރޮކެޓް އަދި މިސައިލްގެ ތެރޭގައި ނުގޮވައި ސަލާމަތުން ހުރި ބޮމާއި މިސައިލް ފަދަ ތަކެތި އެތަށް ހާހަކުން ގުނާލެވެއެވެ. ކާނަލް ރިޟާ ވިދާޅުވިގޮތުގައި ނުގޮވައި ހުރި އެމެރިކާގެ ބޮމާއި ރޮކެޓާއި މިސައިލް ފަދަ ތަކެތީގެ ސަބަބުން އީރާނަށްވަނީ އެމެރިކާގެ ޒަމާނީ ޓެކްނޮލޮޖީގެ ބޮޑު ކަންޒެއް ލިބިފައެވ

އީރާނުގެ ލަޝްކަރުތަކުގެ އިންޖިނިއަރިން ކޯޕްސްގެ ޔުނިޓްތަކުންވަނީ ނުގޮވައިހުރި މިބާވަތުގެ ހަތިޔާރު ހޯދައި އެތަކެތި ކަމާބެހޭ ރީސާޗް އިންސްޓިޓިއުޓްތަކާ ހަމައަށް ގެންގޮސްފައެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިފަދަ ހަތިޔާރާ މުއާމަލާތްކުރާ ސިފައިންވެސް ތިބެނީ ރައްކާތެރިކަމުގެ ހެދުން އަޅައިގެންނެވެ. މިއާއެކުވެސް އީރާނުގެ މީޑިއާ ބުނާގޮތުން މިފަދަ ހަތިޔާރުތައް ހޯދުމާއި ގެންދިޔުމުގެ ތެރޭގައި ގޮވުމުގެ ސަބަބުން އިންޖިނިއަރިން ކޯޕްސް ގެ 10 ވަރަކަށް ސިފައިން މަރުވެ އިތުރު ބަޔަކުވަނީ ޒަޚަމްވެފައެވެ.

ކާނަލް ރިޟާ ވިދާޅުވިގޮތުގައި އީރާން އާ ދެކޮޅަށް އެމެރިކާ ބޭނުންކުރި މަތީ ޓެކްނޮލޮޖީގެ ހަތިޔާރުތަކުގެ ޓެކްނޮލޮޖީ ދެނެގަނެ އޭގެ ރިވާސް އިންޖިނިއަރިން ހެދުމުގެ މަސައްކަތަށް އީރާން ވަރަށް ބޮޑު އިސްކަމެއް ދެކެއެވެ. އެއީ އީރާނުގެ ހަތިޔާރު ހަތިޔާރު އިންޑަސްޓްރީ އިތުރަށް ތަރައްގީކޮށް ހަތިޔާރުގެ ބާރު އިތުރަށް ވަރުގަދަ ކުރުމަށްޓަކައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ބޮން ޑިސްޕޯސަލް ޓީމުތަކުންވަނީ އެމެރިކާ އެޅި ބޮންތަކާއި ހަމަލާދިން މިސައިލްތަކުގެ ތެރެއިން ނުގޮވައި ހުރި އެއްޗިއްސާއި ގޮވާފައިވާ އެއްޗެތީގެ ތެރެއިންވެސް ސަލާމަތުން ހުރި ބައިތައް ހިމެނޭގޮތަށް 20 ހާހަށް ވުރެގިނަ ތަކެތި ހޯދައި ރައްކާތެރި ކަމާއެކު އެތަކެތި ނެގުމަށްފަހު އީރާނުގެ ރިވާސް އިންޖިނިއަރިން އާބެހޭ އިންސްޓްޓިއުޓްތަކާ އެ ތަކެތި ހަވާލުކޮށްފައެވެ. އެއީ އެ ތަކެތި ޑިސްމޭންޓްލްކޮށް ނުވަތަ ރައްކާތެރި ކަމާއެކު ރޫޅައި އޭގެ ޓެކްނޮލޮޖީ ދެނެގަތުމަށްޓަކައެވެ.

މި މަސައްކަތް އީރާން ފަށާފައިވާތީ އެމެރިކާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ ރުޅިއައިސްފައި ކަމަށް "އައި ޕޭޕާ" ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ ނޫހަކުންވަނީ ހާމަކޮށްފައެވެ. އީރާންވަނީ މިހުންނާ ނުލައި ދުއްވާ އެމެރިކާގެ ވަރަށް ސޮފިސްޓިކޭޓެޑް ސަބްމެރިންގެ ދެއުޅަނދެއްވެސް ސައިބާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުރުމުޒު ކަނޑުއޮޅިން އަތުލައިގެންފައެވެ. މި އުޅަނދުގެ ޓެކްނޮލޮޖީ ދެނެގަތުމުގެ މަސައްކަތްވެސް ފަށާފައިވާކަން އީރާނުންވަނީ ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް