ތެހެރާން (19 އޮކްޓޯބަރު 2026) : ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލަވްރޯވް، ރަސްމީ ދަތުރުފުޅެއްގައި މިއަދު އީރާނަށް ވަޑައިގެންފިއެވެ.
މިއީ އީރާންއާ ދެކޮޅަށް އެމެރިކާ ޣައިރު ގާނޫނީ ހަނގުރާމަ ފެށިފަހުން ރަޝިއާގެ ޚާރިޖި ވަޒީރު އީރާންއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ލާވްރޯވްގެ މިދަތުރުފުޅާ ބެހޭގޮތުން އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ މިއީ ރަޝިއާއާއި އީރާންއާ ދެމެދު ސޮއިކޮށްފައިވާ ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަޝްވަރާތައް ކުރުމަށް ކުރެއްވި ދަތުރުފުޅެއް ކަމުގައެވެ. ލާވްރޯވް އީރާނަށް ޒިޔާރަތް ކުރެއްވުމުގެ ކުރިން ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިންވަނީ އެމެރިކާ އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓާލަންޖެހޭކަމަށް ވިދާޅުވެ މިމައްސަލާގައި އެމެރިކާއާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރަން ރަޝިއާ ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ.
އީރާން އިނދަޖައްސާލުމަށްޓަކައި އެމެރިކާ އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރަޝިއާ ބޯލަނބާފައެއް ނުވެއެވެ. އަދި ރަޝިއާ ގެންދަނީ އީރާންއާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރަމުންނެވެ. އީރާނަށް ބޭނުންވާ ޖާސޫސީ މައުލޫމާތު ސެޓަލައިޓް މެދުވެރިކޮށް ރަޝިއާއި ޗައިނާ ފޯރުކޮށްދެމުން ގެންދާކަމަށް ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ އެމެރިކާގެ ނޫސްތައް ބުނެފައިވެއެވެ. މިކަން ރަޝިއާ ވެސް އަދި އީރާންވެސް ދޮގުކޮށްފައެއް ނުވެއެވެ.
ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިން އާ ވަރަށް އަރިސް ބޭފުޅަކު ދާދިފަހުން ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގެ ކުރިމަތީގައި އީރާން ބަލިވުމަކީ ރަޝިއާއަށް އޮތް ނުރައްކަލެކެވެ. އަދި އީރާނުގެ ވެރިކަމުގެ ނިޒާމުބަދަލުވެ އީރާނުގައި އެމެރިކާގެ ޕަޕެޓް ވެރިކަމެއް އުފެދުމަކީވެސް ރަޝިއާއަށް އޮތް ބޮޑުނުރައްކަލެކެވެ.
ރަޝިއާއާއި އީރާންއަކީ ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި ގުޅިގެން މަސައްކަތްކުރާ ދެގައުމެވެ. ފަޒާގެ ދާއިރާއާއި ނިއުކްލިޔާ ދާއިރާއަކީވެސް ރަޝިއާއާއި އީރާން ގުޅިގެން މަސައްކަތްކުރާ ދެ ދާއިރާއެވެ. އީރާންއެކޭ އެއްގޮތަށް ރަޝިއާ އަކީވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވާ ގައުމެކެވެ. މިފިޔަވަޅުތަކުން ސަލާމަތްވުމުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރަމުން ގެންދެއެވެ.