ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ މަސައްކަތާ ނުބައްދަލު ބޮޑު އަގެއްގައިކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބޮޑުތިލަދުންމައްޗަށް މިހާރު ރައީސް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ހަނިމާދުއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެއާޕޯޓު މަސައްކަތް މުހިންމުވަނީ މި ސަރަހައްދަށް ފަތުރުވެރިކަން ފުޅާކޮށް 8،000 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ އެނދު ތަރައްގީކުރުމަށް ކަމަށެވެ.
ނަމަވެސް ކުރީ ސަރުކާރުން އެއާޕޯޓު މަސައްކަތް ހަވާލުކޮށްފައި އޮތީ އެވަރު ކެޕޭސިޓީއަކަށް ޚިދުމަތްދޭ ފެންވަރަށް ވަސީލަތް ގާއިމްވާ ގޮތަށް ނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް އަގު އެތައް ގުނައެއް ބޮޑުކަމަށް ވިދާޅުވިއެވެ
"ދެގުނަ ތިންގުނަ އަގުބޮޑުކޮށް ހަދަމުން ދާއިރުގައި ހަގީގަތުގައި މި ޕްރޮޖެކްޓު ފޯމިއުލޭޓު ވެގެން ފެށިގެން މިދިޔަ ސަރުކާރުގައި އައިއިރުގައި އެ ވަަރަށް ވިސްނައި ނުލައި، ނޫނިއްޔާ ކޮން ވިސްނުމަކުން ކަމެއް ނޭނގޭ އެހައި ސްކޭލް ކުޑަކޮށް އެ މަސައްކަތް ފަށައިފައި އެއޮތީ. އަޅުގަނޑުގެ ސިޔާސަތެއް ނޫން، އަޅުގަނޑުމެން ސަރުކާރުގެ ސިޔާސަތެއް ނޫން އެހާ ސްކޭލް ދަށްކޮށް އެކަން ކުރުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ މިހާރު ތަރައްގީކޮށްފައި އޮތް 2.46 ކިލޯމީޓަރުގެ އާ ރަންވޭއަށް އިތުރު 700 މީޓަރު އިތުރުކުރަން ކަމަށެވެ. އަދި އެ ކަން ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.
އެ މަޝްރޫއު ހިންގަނީ އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއިކުރި ކްރެޑިޓް ލައިނުންނެވެ.
ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ހާސިލްވާނީ ރާއްޖޭގެ ވަކިވަކި ސަރަހައްދުތައް ތަރައްގީކޮށްގެންކަމަށެވެ.
އެގޮތުން ހަނިމާދޫއަކީ އެ ކަމަށް ތަރައްގީކުރެވެމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި، ރައީސްވަނީ މި ރަށުގައި ފެށިފައި ހުރި ބޮޑެތި މަޝްރޫއުތައް ކަމަށްވާ އެއާޕޯޓު މަޝްރޫއު އެ ކަމަށް މުހިންމުކަން ފާހަގަކުރައްވައިފައެވެ.
"އެއާއެކީ މި އެއާޕޯޓަކީ ވަރަށް ބިޒީ ވަރަށް މުހިންމު ސްޓްރެޓެޖިކް އެއާޕޯޓަކަށް ވާނެ،" ރައީސް ވިދާޅުވިއެވެ.