ހދ. ހަނިމާދޫއިން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް 50 އަހަރުގެ މުއްދަތަށް 14 ބިން ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ހަނިމާދޫ ކައުންސިލުން ގެޒެޓްކުރި އިއުލާނެއްގައިވަނީ ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށްޓަކައި އެރަށު ޓޫރިޒަމް ޒޯނުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ 5000 އަކަފޫޓުގެ 14 ބިންކަމަށާއި އެއީ 50 އަހަރުގެ މުއްދަތަށް ކަމަށް ކައުންސިލުން ބުނެއެވެ.
އެ އިއުލާނުގައިވާ ގޮތުން ކުއްޔަށް ބިން ނެގުމަށް ބޭނުންވާ ފަރާތްތަކަށް މި މަހުގެ 30 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00ގެ ކުރިން ބިޑް ރަޖިސްޓްރީކޮށް ބިޑް ބައްލަވައި ގަތުމަށް އެދޭ ފޯމުން ރަޖިސްޓްރީ ކުރެވޭނެއެވެ.
އަދި ބިޑް ރަޖިސްޓްރީ ފޯމު ފުރުމަށްފަހު މެއިލް މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކުން ފޮނުވާނީ [email protected] މެދުވެރިކޮށް ކަމަށް އިއުލާނުގައިވެއެވެ.
ބިޑް ހުށަހެޅުމަށް ދައްކަން ޖެހެނީ 5000 އަކަފޫޓުގެ ޕްލޮޓަކަށް 1000 ރުފިޔާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެއެވެ.
އިތުރަށް ޕްލޮޓެއް ބޭނުންވާނަމަ ބޭނުންވާ އަދަދަކަށް ކޮންމެ ޕްލޮޓަކަށް އިތުރު 1000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.
މީގެއިތުރުން، ކައުންސިލްގެ ފަރާތުން އިއުލާން ބާތިލްކޮށްފިނަމަ ބިޑް ހުށަހެޅި ފަރާތްތަކުން ދެއްކި ފައިސާ އަނބުރާ ރައްދުކޮށްދޭނެ ކަމަށާއި ބިޑަށް ރަޖިސްޓްރީކޮށް ފީ ދެއްކުމާއެކު ބީލަން ފޮތް ލިބޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.
ކައުންސިލުން ބުނީ ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު ކަަމަށެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަމުން އަންނައިރު އެރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގެސްޓު ހައުސް ވިޔަފާރިއާއި އެހެނިހެން ވިޔަފާރިތައް ފުޅާކުރުމަށް އެރަށުގައި މަސައްކަތް ކުރަމުންދެއެވެ.
މިދިޔަ މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ހަނިމާދުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އެ ރަށުގެ އެއާޕޯޓު މަސައްކަތާއެކު ފަތުރުވެރިކަން ފުޅާކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ހާސިލްވާނީ ރާއްޖޭގެ ވަކިވަކި ސަރަހައްދުތައް ތަރައްގީކޮށްގެން ކަމަށާއި ހަނިމާދޫއަކީ އެ ކަމަށް ތަރައްގީކުރެވެމުން އަންނަ ރަށެއް ކަމަށެވެ.