ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ ސިވިލް ސާވެންޓުން ކަރަންޓީނު މުއްދަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެކަހެރިވާން ޖެހޭ މުއްދަތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެޗްޕީއޭގެ އުސޫލުގައި ބުނާ ގޮތުން، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ފަހުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެއްވެސް އަލާމާތެއް ނުފެންނަ މީހުން އެކަހެރި ވާން ޖެހޭނީ ހަތް ދުވަހަށެވެ. އަދި ކޮންޓެކްޓުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާނަމަ ކަރަންޓީނު ކުރާނީ ކޮންޓެކްޓްވީތާ 10 ދުވަހުގެ މުއްދަތަކަށެވެ.
މީގެ އިތުުރުން، އެ އުސޫލުގައި ވާ ގޮތުން ވެކްސިން ފުރިހަމަ ނުކުރާ ކޮންޓެކްޓުން 14 ދުވަހަކަށް އެކަހެރި ކުރާނެއެވެ. އަދި އެ މީހުން ކަރަންޓީނުން ދޫކޮށްލާނީ ނެގެޓިވް ޕީސީއާރަކާއެކުގައެވެ.
ކަރަންޓީނު ކުރާ އުސޫލަށް އެޗްޕީއޭން ގެނައި ބަދަލާ ގުޅިގެން، ސިވިލް ސާވިސް ކޮމިޝަނުން ވަނީ ސާކިއުލާއެއް ނެރެފައެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވާ މުވައްޒަފުން ކަރަންޓީނުވާން ޖެހޭ މުއްދަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު އިދާރާތަކުން ހަމަޖައްސަދޭން ޖެހޭނެ ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ޗުއްޓީ ދޭންޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މި ގޮތަށް އެ ކޮމިޝަނުން ނިންމައިފައިވާއިރު ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ގިނަ ދުވަސްތަކެއް ވަންދެން އަދަދުތައް ދަށުގައި ހުރުމަށްފަހު މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ 1200އިން މައްޗަށް ގޮސްފައެވެ.