މިދިޔަ ދެ އަހަރު އެކަނިވެސް ރިސޯޓު ކުލިން ނުލިބޭ 1.6 ބިލިއަން ރުފިޔާ

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ ދެ އަހަރު ދައުލަތަށް ނުލިބި ހުރި ރިސޯޓު ކުލީގެ އަގު 1.6 ބިލިއަން ރުފިޔާއަށް އަރާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ދިން ޖަވާބުގައި މީރާއިން ހިމަނާފައިވާ ތަފާސް ހިސާބުތަކުންނެވެ.

އެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މީގެތެރެއިން 617 މިލިއަން ރުފިޔާއަކީ 2020 ވަނަ އަހަރު ލިބެން ޖެހޭ ކުލީގެ ތެރެއިން ނުދައްކާ ހުރި ފައިސާއެވެ. މިދިޔަ އަހަރު ނުލިބޭ ކުލީގެ އަދަދު އުޅެނީ 996 މިލިއަން ރުފިޔާގައެވެ.

ކޮވިޑުގެ ހާލަތުގައި ލުއިދިނުމުގެ ގޮތުން 2020 ވަނަ އަހަރުގެ ފަހު ދެ ކުއާޓާގައި ޖުމްލަ 872 މިލިއަން ރުފިޔާގެ ކުލި ވަނީ ފަސްކޮށްދީފައެވެ. އެ އަހަރު ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވާގޮތުން މި ފައިސާ ފަސްކޮށްދީފައި ވަނީ މިއަހަރުގެ ޖޫން މަހު ދައްކާ ގޮތަށެވެ.

ނުލިބި ހުރި ކުލީގެ ޖުމްލަ އަދަދު ހާމަކުރިކަމުގައި ވިޔަސް، ވަކި ވަކި ރިސޯޓުތަކުން ނުލިބި ހުރި ކުލީގެ އަދަދު ހާމަކުރެވެން ނެތްކަމަށް މީރާގެ ޖަވާބުގައި ވެއެވެ.

comment ކޮމެންޓް