މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ސޮރީ"ގެ ބައެއް މަންޒަރުތައް ބ. އަތޮޅު ކުޑަރިކިލުގައި ނަގައި ނިންމާލައިފިއެވެ.
ބޮޑު ބްރޭކަކަށް ފަހު ނަހުލާ މިހާރު މަސައްކަތް ފަށާފައިވާ ލޯބީގެ އަސަރުގަދަ ފިލްމު ސޮރީ އަކީ ނަހުލާ އުފައްދާ ބޮޑު ފިލްމެކެވެ. އެގޮތުން މި ފިލްމުގެ ޝޫޓިން ބާރު ސްޕީޑުގައި ކުރިއަށް ގެންދާއިރު ދާދި ފަހުން ވަނީ ކުޑަރިކިލުގައި ފިލްމުގެ ބައެއް މަންޒަރުތަކެއް ނަގާފައެވެ.
މި މަންޒަރުތައް ނެގުމަށްޓަކައި ނަހުލާގެ އިތުރުން ފިލްމުގެ ކްރޫ އާއި ފިލްމުގެ ލީޑް އެކްޓަރުން ވަނީ ކުޑަރިކިލަށް ގޮސްފައެވެ. މި ރަށުގައި ނަގާފައިވަނީ ފިލްމުގެ ކިހާ މަންޒަރެއްކަން ހާމަކޮށްފައެއް ނުވެއެވެ.
ކުޑަރިކިލުގައި ފިލްމުގެ މަންޒަރުތަކެއް ނެގުމަށްފަހު ރަށުގެ ރައްޔިތުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ. ފިލްމުގެ މަންޒަރުތައް ނެގުމުގައި ރައްޔިތުންގެ ފަރާތުން ވަނީ ބޮޑު އެހީއެއް ލިބިފައި ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
ސޮރީ ވެސް ވާނީ ނަހުލާގެ އަސަރުގަދަ ވާހަކަތައް ކިޔައިދޭ ފިލްމަކަށެވެ. ނަހުލާގެ ކުރީގެ އޯޑިއެންސް އަނބުރާ ގެނައުމުގެ މަގުސަދުގައި ނެރޭ މި ފިލްމު ނެރުން ވާނީ އޭނާގެ މަސައްކަތްތަކަށް ލޯބިކުރާ މީހުންނަށް ގެނެސްދޭ އުފާވެރި ޚަބަރަކަށެވެ.
މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއުގެ އިތުރުން ޝީލާ ނަޖީބާއި ހުސައިން ސޮބާހެވެ.
ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.