ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ އެ ސަރަހައްދުން ކަރަންޓު ކެނޑިފައި ވަނީ އެތަނުގައި އަޅާފައިވާ ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ. އެ ކޭބަލަށް ގެއްލުންވީ އެ ސަރަހައްދުގައި ބަޔަކު ކުރަމުން ދިޔަ ކޮންސްޓްރަކްޝަން މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
"އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ. އަދި ފްލެޓުތަކަށް އަލުން ކަރަންޓު ދޭން ގާތްގަނޑަކަށް ތިން ގަޑި އިރު ނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހިޔާ ފްލެޓުތަކުގެ ލިފްޓުތައް ހުއްޓޭ މައްސަލައަކީވެސް މި ފަހުން ދިމާވަމުންދާ މައްސަލައެކެވެ. އަދި ލިފްޓަށް ބާރު ބޮޑުވެ، އެއްބަޔަކު ކިޔޫގައި ތިބެން ވެސް ޖެހެއެވެ.
އެކަމާ ގުޅިގެން އެޗްޑީސީން ވަނީ ލިފްޓް ކައިރީ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ލިފްޓް ލޮބީ ކައިރީގައި ޖާގަ އިތުރު ކުރަނީ ބައެއް ފާރުތައް ތަޅާލައިގެންނެވެ.