މުރައިދޫ ބަނދަރުގެ މަސައްކަތް ފަށައިފި، ނުރައްކާތެރި އެތައް ހާދިސާއަކަށްފަހު ބޮޑު ހިތްހަމަޖެހުމެއް

މުރައިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/އެމްޓީސީސީ

ލަފާފުރުމުގެ ތެރޭގައި ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާފައިވާ ހއ. މުރައިދޫގައި އައު ބަނދަރެއް ހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީން ފަށައިފިއެވެ.

މުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲއެވެ.

މި ބަނދަރަކީ މުރައިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ލިބޭނެ ހައްލެއްކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 212 މީޓަރުގެ އެއްގަމުތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 407 މީޓަރުގެ ބޭރުތޮއްޓެއް ލާން ހަމަޖެހިފައިވާއިރު، 107 މީޓަރުގެ ބޭރުތޮށި މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ބަނދަރާއި ނެރު ފުންކޮށް، 105 މީޓަރުގެ ރިވެޓްމަންޓު ޖެހުމަށް ހަމަޖެހިފައިވެއެވެ. 33.72 މިލިއަން ރުފިޔާގެ މި މަޝްރޫއު މިއަހަރު ތެރޭ ނިންމާލެވޭނެކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

މުރައިދޫ ކައުންސިލުގެ ރައީސް އަލީ ސިނާން "ސަން"އަށް ވިދާޅުވި ގޮތުގައި އެ ރަށަކީ ޒަމާނުއްސުރެ ލަފާފުރުމުގެ ދަތިކަން އޮތް ރަށެކެވެ. އެ ގޮތުން، ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާ އެއްގައި އެރަށުން ތިން މީހަކު މަރުވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މި ވޭތުވެދިޔަ ހާ ޒަމާނެއްގަައި، އަދާ ހަމައަށް ރައްޔިތުން އުޅެމުން މި ދިޔައީ ސަލާމަތުން ލެފޭނެކަމުގެ އެއްވެސް ޔަގީން ކަމެއް ނެތި،" ސިނާން ވިދާޅުވިއެވެ.

މުރައިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/އެމްޓީސީސީ

މުރައިދޫގައި އެންމެ ފުރަތަމަ ބަނދަރެއް ހެދީ 2007 ވަަނަ އަހަރު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އޭރު ހެދި ބަނދަރުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ފަސޭހައެއް ލިބުނަސް އެންމެ އެދެވޭ ހައްލެއް ނުލިބޭ ކަމަށް ސިނާން ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރު ހުރި ބަނދަރު ތިލަވުމާއި، ބޭރުތޮށި ތިރިވުމާއި، ނެރު ހަނިވުން ފަދަ އެތައް މައްސަލަތަކެއް އެބަ ހުއްޓެވެ. އަދި ނެރުން ވަންނަ ދޯނިތައް ފައިކައްޓަށް އެރުމުގެ އެތައް ހާދިސާއެއް ހިނގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ނެރު ފައިކަށި ހެދިފައި އެއޮތް ގޮތުންނާ ނެރު ކަނޑާފައި އެއޮތް ގޮތުން އިރުވައި ވެއްޖެއްޔާ އެ ބަނދަރަކީ ހަމަ ނެތް އެއްޗެއް،" އޭނާ ވިދާޅުވިއެވެ.

މުރައިދޫގައި މިހާރު އޮންނަ ބަނދަރު --- ފޮޓޯ/ ގޫގުލް އާތް

މިހެން ކަންކަން ހުރުމުގެ ސަބަބުން ރަށަށް އަންނަ އެތައް އުޅަނދަކަށް ރަށަށް ނުވަދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ފަހަރު މުދާ އުފުލާ އުޅަނދުފަހަރަށް ނުވަދެވި ގިނަ ދުވަސްވުމުގެ ސަބަބުން ރަށުން ކާޑުގެ ބާވަތްތައް ހުސްވެފައި ވެސް އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"މުރައިދޫ އަކީ ދަނޑުވެރިކަން ކޮށް އުޅޭ ރަށަކަށް ވާތީ އެފަދަ ދުވަސްތަކުގައި ވެސް މާ ބޮޑަށް ހާލަތު ގޯސް ނުވެ މި އޮންނަނީ،" ސިނާން ވިދާޅުވިއެވެ.

ރަށަށް ލަފާފުރުމުގެ ތެރޭގައި ހިނގި ހާދިސާ ތަކުގައި ރަށުގެ ރައްޔިތުންނަށް މާލީ ގޮތުން ވެސް އެތައް ގެއްލުމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުރައިދޫ ބަނދަރު ސަރަހައްދުގެ މޫދަށް އެރި އުޅުނު ބައެއް މީހުން ގެނބުމުގެ ހާދިސާތަކެއް ހިނގާފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ހަމަ ދާދި ފަހުން އެ ސަރަހައްދަށް މޫދަށް އެރުނު އިންޑިއާ ނަރުހަކު ގެނބިގެން ހާލު ދެރަވި. 2020 ވަނަ އަހަރުވެސް އުމުރުން ދުވަސްވީ ފިރިހެން ބޭފުޅަކު އެތަނަށް އެރެން އުޅެނިކޮށް ދިމާވި ހާދިސާއެއްގައި މާލެ ގެންދަން ޖެހުނު،" ސިނާން ވިދާޅުވިއެވެ.

އެމްޓީސީސީ އިން ބަނދަރާއެކު އާޓިފިޝަލް ބީޗެއްވެސް ހަދައިދޭތީ، އެ މައްސަަލައަށް ވެސް ހައްލެއް ލިބޭނެކަން ސިނާން ފާހަގަ ކުރެއްވިއެވެ.

މުރައިދޫއަކީ ހަތްސަތޭކަ އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ.

comment ކޮމެންޓް