ބ. ފެހެންދޫ ގާއިމްކުރި ސެޓެލައިޓް ސުކޫލާއި އެކު އެރަށުގެ ދަރިވަރުން ތައުލީމު ހާސިލުކުރުމަށް ކައިރީގައި އޮންނަ ގޮއިދޫ ސުކޫލަށް ކުރާ 14 އަހަރުވީ ދަތުރަށް ނިމުން އަތުވެއްޖެއެވެ.
ބ. ފެހެންދޫއާ އެކު މިއަދު ވ. ތިނަދޫގައި ވެސް ވަނީ ސެޓެލައިޓް ސުކޫލުގައި ކިޔަވައިދޭން ފަށައިފައެވެ.
މި ޕްރޮގްރާމްގެ ދަށުން ވ. ރަކީދޫ ސެޓެލައިޓް ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ މެދުތެރޭގައި ފެށި ނަމަވެސް އެރަށުގެ ސެޓެލައިޓް ސްކޫލު އަދިވެސް ނުނިމޭތީ އެތަން އަދި ނުހުޅުވައެވެ.
ސެޓެލައިޓް ސްކޫލަކީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލު ނުހިންގޭ ރަށްރަށުގައި ކުރިއަށް ގެންދާ އޮންލައިން ސްކޫލިން ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ތެރެއިން ކިޔަވައިދޭ މައި މަރުކަޒަކީ ހުޅުމާލޭ ހުރަވީ ސުކޫލެވެ. ހުރަވީ ސުކޫލުގެ މުދައްރިސުން މުދުވެރިކޮށް ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ.
އާބާދީ މަދުވުމުގެ ސަބަބުން ފުރަތަމަ ފެހެންދޫ ސުކޫލު ބަންދުކުރީ 2008 ވަނަ އަހަރުގައެެވެ. ދޭ އަތްވަކަށް ވެހޭވަރޭއަކަށް ގަދަ ކަނޑަކަށް ބެލުމެއްނެތި ދަރިވަރުންނާއި ބެލެނިވެރިން ކައިރީގައި އޮންނަ ގޮއިދޫ ސުކޫލަށް ދަރިވަރުން ދަތުރުކުރަމުން ދިޔައީ ތައުލީމު ހާސިލުކުރުމަށް އިތުރުގޮތެއް ނެތުމުންނެވެ.
ސަރުކާރުން މި ދަރިވަރުން ކުރާ ދަތުރަށް ލުއިކަމެއް ހޯދައިދިނުމަށް މީގެ އަހަރެއްކުރިން ވަނީ ލޯންޗެއްވެސް ހަދިޔާކޮށްފައެވެ.
މިގޮތަށް ދަތުރުކުރާތާ އެތައް އަހަރެއް ފަހުން ސްކޫލް ކުދިންނަށް ހާއްސަކޮށް އިންޑިއާ ސަރުކާރުން ލޯންޗެއް ހަދިޔާކުރިއެވެ. ނަމަވެސް ސެޓެލައިޓް ސްކޫލާ އެކު ދެން އެއްވެސް ދަތުރެއް ކުރާކަށް ނުޖެހޭނެއެވެ.