ބ. ކުޑަރިކިލުގައި ހުމާއި ބޭރަށްހިންގުން ވަރަށް ބާރަށް ފެތުރެމުން އަންނައިރު، އެރަށުގައި ޑޮކްޓަރެއް ނެތުމުން ރައްޔިތުން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ކުޑަރިކިލު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ނަޝީދު "ސަން"އަށް ވިދާޅުވީީ ޑޮކްޓަރެއް ނެތްތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށާއި، ޑޮކްޓަރު ޗުއްޓީއަށް ދިޔަ އިރު ވެސް ރަށުގައި ހުމާއި ރޯގާ އަދި ބޭރަށް ހިންގުން ފެތުރެން ފަށާފައިވާކަމަށެވެ.
ރަށުގެ ހާލަތު އެގޮތަށް އޮއްވައި، ރަށުގައި ހުރި ޑޮކްޓަރު ޗުއްޓީއަށް ފޮނުވީ އަތޮޅު ހޮސްޕިޓަލުން ރަށަށް ޑޮކްޓަރެއް ހަމަޖައްސައި ނުދީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެކަމުގަ އަސްލު އެބައުޅޭ މި އަތޮޅު ހޮސްޕިޓަލުގެ އިހުމާލުވެއް. އެއީ ޑޮކްޓަރެއް މިކޮޅަށް ނުގެނެސް އެ ޑޮކްޓަރު ނުވާނެ ދޯ ފޮނުވާލައިގެނެއް. އަސްލު ހަގީގަތުގަ ބުނާނަމަ،" ނަޝީދު ވިދާޅުވިއެވެ.
ރަށުގައި މިވަގުތު 400 ވަރަކަށް މީހުން ދިރިއުޅެމުން ދާއިރު، ކޮންމެ ދުވަހަކު އެވްރެޖްކޮށް ހަ ވަރަކަށް ކުޑަކުދިން ބޭރަށް ހިންގުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާކަމަށް އޭނާ ވިދާޅުވިއެވެ. ރަށުގެ އާބާދީގެ ނިސްބަތުން އެ އަދަދު ބޮޑުކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެއްވެސް މީހެއްގެ ހާލަތު ސީރިއަސް ނުވިޔަސް ބޮޑެތި މީހުންނާއި އުމުރުން ދުވަސްވީ މީހުންވެސް ރޯގާގެ ސަބަބުން ޑޮކްޓަރަށް ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮންލައިންކޮށް އަތޮޅު ހޮސްޕިޓަލުން މީހުން ބެލި ނަމަވެސް، އެއީ އެކަން އޮންނަންވާނެ ގޮތް ނޫން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ޑޮކްޓަރެއް ނެތް ނަމަވެސް އެކޮޅުން [އަތޮޅު ހޮސްޕިޓަލުން] އޮންލައިންކޮށް ކޮންސަލްޓް ކުރެވޭ. އެކަމަކު އަސްލު ޑޮކްޓަރެއް މިކޮޅުގަ ނެތުން އެއީ މައްސަލައެކޭ،" ނަޝީދު ވިދާޅުވިއެވެ.
މި ހަފްތާ ތެރޭގައި ޑޮކްޓަރު އަންނާނެ ކަމަށް މައުލޫމާތު ލިބިފައި އޮތް ނަމަވެސް، އެއީ އެއްވެސް ޔަގީންކަމެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.