ރަސްމީ ދަތުރުފުޅެއްގައި ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފި

ރައީސް ވަނީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ޔޫއޭއީއަށް ފުރާވަޑައިގެންފި -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަހުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު، ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ރައީސް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެ ދަތުރުފުޅުގައި ރައީސް، އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި ވަނީ މާދަމާއެވެ.

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް އަކީ ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ބާއްވާ ހަރަކާތްތަކެކެވެ. އެ ހަރަކާތްތަކުގައި ގައުމުތަކުގެ ސިޔާސަތުތައް ކަނޑައަޅުއްވާ ބޭފުޅުންނާއި ތަފާތު ސިނާއަތްތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދިނުމުގެ ހަފްލާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ ތަފާތު ދާއިރާތަކުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ދޭ އެވޯޑެކެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ފެށުމުގެ ރަސްމިއްޔާތަށް ވެސް ރައީސް ޔޫއޭއީއަށް ވަޑައިގެންނެވިއެވެ.

comment ކޮމެންޓް