އދ. މަންދޫ ކައިރިން ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން އެބަދެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 15:55 ހާއިރު ކަމަށެވެ.
ގެއްލިގެން ހޯދަމުން ދަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ފަތުރުވެރިޔާ ޑައިވިންއަށް ދިޔައީ މަންދޫ ކައިރީ އޮތް ފަރަކަށް "ގޮމަ" ނަމަކަށް ކިޔާ ދޯންޏެއްގައެވެ.
އޭނައާ އެކު އިތުރު ފަތުރުވެރިންތަކެއް ވެސް ޑައިވިންއަށް ފޭބި ކަމަށާއި ނަމަވެސް ގެއްލުނީ އެމީހާ އެކަނި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން އަންނަނީ ކުރަމުންނެވެ.
"ގެއްލުނު މީހާ ހޯދުމަށް އެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުފަހަރު މިހާރު ދަނީ ހަރަކާތްތެރިވަމުންނެ،" އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ މިއަދު އެ ސަރަހައްދުން ދަތުރުކުރި ސީޕްލޭންތައް މެދުވެރިކޮށް އެ ސަރަހައްދު ބަލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.