ސުކޫލުތަކުން ބޭނުންނަމަ ފަސް ދުވަހު ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވޭނެ

2021-2022 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުން -- ސަން ފައިލް ފޮޓޯ

މާލޭ ސްކޫލުތަކަށް ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ހަމަޖައްސައިވީނަމަވެސް، ސުކޫލުތަކުން ބޭނުން ނަމަ ހުރިހާ ދުވަހަކު ވެސް ދަރިވަރުން ހާޒިރުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ މާލޭ ސްކޫލުތަކުގެ ގްރޭޑް 8-1 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމަށް ސްކޫލްތަކަށް އަންގައިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މިގޮތަށް އަންގައިފައިވީ ނަމަވެސް ދެ ދުވަހަކީ އެންމެ މަދުވެގެން ދަރިވަރުން ހާޒިރު ކުރަން ޖެހޭނެ އަދަދު ކަމަށެވެ.

ސުކޫލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރެވޭނަމަ ދެ ދުވަހަށް ވުރެން އިތުރަށް ވެސް ސުކޫލަށް ދަރިވަރުން ހާޒިރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއެކޭ ވެސް އެއްގޮތަށް، ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުން ބަލައި، ސެނަޓައިޒް ކުރަން ޖެހޭނެ ކަމަށާއި ސްކޫލުގައި ކިޔަވައިދޭ ދަންފަޅި ކުރު ކުރުމަށް އެޑިއުކޭޝަނުން ވަނީ އަންގައިފައެވެ.

މީގެ އިތުރުން، ކްލާސްރޫމުގައި ދަރިވަރުން ތިބެން ޖެހޭނީ ތިން ފޫޓު ދުރުގައި ކަމަށާއި ކޮވިޑުން ރައްކާތެރި ވުމަށްޓަކައި އެޗްޕީއޭއިން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު، މިފަހުން މާލޭއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން މަތިވެފައެވެ.

comment ކޮމެންޓް