ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފުތިތާހުގައި އިސްލާމް ކިޔަވާދޭ ޓީޗަރަކަށް ބަދުއަޚުލާގީ ތުހުމަތުތަކެއް ކުރެވޭތީ އެ ސްކޫލުގެ ބެލެނިވެރިން މިއަދު މުޒާހަރާކުރަން ފަށައިފިއެވެ.
'ސަން'އަށް މައުލޫމާތު ދެމުން އެ ސްކޫލުގެ ބެލެނިވެރިއަކު ބުނީ، ބަދުއަޚުލާގީ ތުހުމަތުތައް ކުރެވޭ ޓީޗަރު ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް ލީކުވި ކަމަށެވެ. އެ މައްސަލައިގައި އޭނާ ސަސްޕެންޑު ވެސް ކުރި ކަމަށް އެ މީހާ ބުންޏެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ހެއްކެއް ނެތުމުން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

ނައިފަރު ސުކޫލުގެ ބެލެނިވެރިން އިހުތިޖާޖު ކުރަނީ: މުޒާހަރާ ކުރަނީ ޓީޗަރަކަށް ކުރެވޭ ތުހުމަތުތަކެއްގައި ---- ފޮޓޯ/ ފާތިމަތު އަޒްލިފާ, ފޭސްބުކް
މީގެ އިތުރުން، ހަމަ އެ ޓީޗަރު މީގެ ދެ ދުވަހެއް ކުރިން އެފަދަ އިތުރު ކަމެއް ކުރިކަމަށް އެ ބެލެނިވެރިޔާ ތުހުމަތު ކުރެއެވެ.
"ދެން އެ ގޮތަށް ނެރުނީމައި ވެސް އޭނާ ސްކޫލަށް ދާތީ ބެލެނިވެރިން ހިތްހަމަނުޖެހުން އެ ފާޅުކުރަނީ،" އޭނާ ބުންޏެވެ.
އެހެންވެ، ބެލެނިވެރިން މުޒާހަރާ ކުރަނީ އެފަދަ އަމަލުތަކެއް ކުރާ ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދޭތީ އެކަމާ ކަންބޮޑުވާތީ ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ. އެ މައްސާލައިގައި މިއަދު ބެލެނިވެރިން މުޒާހަރާ ކުރަން ފަށާފައިވަނީ ހެނދުނު ގާތްގަނޑަކަށް 8:30 ހާއިރެވެ.

ނައިފަރު ސުކޫލުގެ ބެލެނިވެރިން އިހުތިޖާޖު ކުރަނީ: މުޒާހަރާ ކުރަނީ ޓީޗަރަކަށް ކުރެވޭ ތުހުމަތުތަކެއްގައި ---- ފޮޓޯ/ ފާތިމަތު އަޒްލިފާ، ފޭސްބުކް
ބެލެނިވެރިޔާ ކިޔަދިން ގޮތުގައި ޓީޗަރު ސަސްޕެންޝަންގައި ހުރުމަށް ފަހު، ވަޒީފާއަށް ނުކުތެވެ. އެކަމަކު، ބެލެނިވެރިން މުޒާހަރާ ކުރަން ފެށި ފަހުން އެ ޓީޗަރު ވަނީ ގެއަށް ފޮނުވާލާފައެވެ.
މި ކަމާ ގުޅިގެން މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބިފައެއް ނުވެއެވެ. އަދި، މި މައްސަލައިގައި މަރުސަތުލް އިފުތިހާހުގެ އޮފިޝަލެއްގެ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.