ޓާޓާ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދެ ބިމާއި ފަޅުރަށް ދޭން އެއްބަސްނުވިނަމަ، އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 200 މިލިއަން އެމެރިކާ ޑޮލަރު (ތިން ބިލިއަން ރުފިޔާ) ދޭން ޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފުލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ހެދި އެއްބަސްވުން ކުރީ ސަރުކާރުން އުވާލުމުން، ސެޓްލްމެންޓެއްގެ ދަށުން ރުޖޫއަވެ މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓާޓާ ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެެޓު އެޅިއެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި މަތީ ފެންވަރުގެ ފްލެޓު އަޅައި ވިއްކަން އެ ކުންފުންޏަށް ނާދީއާއި އޯޑިއޯން ހުރި ބިން ދިނެވެ. އަދި އެއްބަސްވުމުގެ ދަށުން ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް އޭރު އެ ކުންފުންޏަށް ދިނެވެ.
އެހެން ނަމަވެސް މަސައްކަތް ފަށަން ދިން މުއްދަތުގައި އެކަން ކުރިއަށް ނުދިޔަކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017ވަނަ އަހަރު އެ އެއްބަސްވުން ބާތިލު ކުރިއެވެ.
އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ޓާޓާ އިން ވަނީ ތިން ބިލިއަން ރުފިޔާ ނުވަތަ 200 މިލިއަން އެމެރިކާ ޑޮލަރުގެ ބަދަލެއް ނަގައި ދިނުމަށް ހުށަހެޅިއެވެ.
ޓާޓާއަށް ބަދަލު ދިނުމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެ ފަރާތުން މަޝްވަރާކޮށްގެން، ކޯޓުން ބޭރުގައި މައްސަލަ ނިންމައިފައިވަނީ އާބިޓްރޭޝަންގައި އެ މައްސަލަ ޓާޓާއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ސަރުކާރުގެ ފަރާތުން މައްސަލައިގައި ވަކާލާތު ކުރާ ލޯޔަރުން ލަފާ ދީފައިވާތީ ކަމަށެވެ.
އެހެން ކަމަށް ވާނަމަ ސަރުކާރުން ބަދަލުގެ ގޮތުގައި ޓާޓާއަށް 200 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ.
ސަރުކާރުން ނިންމައިފައިވަނީ ރިސޯޓް ހަދަން ޅޮއްސަލަފުށި ދޭން އެއްބަސްވާ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ލަގްޒަރީ ވިލާ އަޅަން ބިން ދޫކުރާ ގޮތަށް ނިންމައިފައެވެ.
"[ސަރުކާރުން އެއްބަސްވެފައިވަނީ] ޅޮއްސަލަފުށި ރިސޯޓަކަށް ބަދަލުނުކޮށް އެ ކުންފުންޏަށް ލަގްޒަރީ ވިލާ ތަރައްޤީކުރުމަށް ޅ.ޅޮއްސަލަފުށިން ބިމެއް ދޫކުރުމަށެވެ. އަދި ލަގްޒަރީ ވިލާ އެޅުމަށް ދޫކުރެވޭ 360,000 އަކަފޫޓްގެ ބިމަށް އަކަފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމްލަ 9 މިލިއަން ޑޮލަރު ސަރުކާރަށް އެޕެކްސްއިން ދެއްކުމަށް ވަނީ އެއްބަސްވެވިފައެވެ." ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް ޓާޓާ ކުންފުންޏަށް ލަގްޒަރީ ފްލެޓު އަޅަން ކުރީގެ ކުނިކޮށިން ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމާއި ނާދީހުރިތަނާއި ރިސޯޓުހަދަން ރަށެއް ވެސް ދޭން ނިންމައި އެޓާނީ ޖެނެރަލްގެ އޮފީހަށް ލަފާ ހޯދަން ފޮނުވިއެެވެ.