ފެނިލުމުން ދިވެހި ދިދަ ވިހުރިލާ

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން -- ސަން ފައިލް ފޮޓޯ

"ފެނިލުމުން ދިވެހި ދިދަ ވިހުރިލާ، ޖޯޝުގައި ރޫހު ތާޒާވެލާ،

މާނަވީބާރުގައި ވެރިވެދާ، އަސަރުގައި ވިންދު ހަރަކާތްވެލާ،"

ގައުމީ ދިދައިގެ އިލްހާމްގެ ނަން ދީފައިވާ މި ލަވަ އަޑުއިވޭ ކޮންމެ ދިވެއްސަކަށް ވެސް ފުން އަސަރުތަކެއް ކުރުވައެވެ. ގައުމީ ލޯތްބާއި ޖޯޝު ކައްކުވައިލައެވެ.

މި އިބުރަތްތެރި ޅެމަކީ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅިގެން ސިފައިން ނެރުނު ގައުމީ ލަވަ އަލްބަމުގައި އެންމެ ހިނގި އެއް ލަވައެވެ. އެ ޅެން ހައްދަވާފައިވަނީ މިއަހަރުގެ ޅެންވެރިންގެ ދުވަސް އެ ބޭފުޅަކަށް ހާއްސަކޮށްފައިވާ އުތީމު އާދަމް އަބްދުއްރަހުމާންއެވެ. މިއަދު ފާހަގަ ކުރާ ދިވެހި ޅެންވެރިންގެ ދުވަހުގެ ޝިއާރަކީ ވެސް އެ ޅެމުގެ އެއް ކަޑި ކަމަށްވާ، "ފެނިލުމުން ދިވެހި ދިދަ ވިހުރިލާ.."އެވެ.

ޅެންވެރިޔާ އުތީމު އާދަމް އަބްދުއްރަހުމާން-- ފޮޓޯ: ރައީސް އޮފީސް

އާދަމްބެ "ސަން"އަށް ވިދާޅުވި ގޮތުގައި އެ ލަވައިގައި އެ ވަނީ ދިވެހި ގައުމީ ދިދަ ފެނިވަޑައިގަތުމުން އޭނާގެ ހިތުގައި އުފެދޭ ޝުއޫރުތަކެވެ. ފަހުރުވެރި ދިވެއްސެއްގެ ހައިސިއްޔަތުން ކުރެވޭ އިހުސާސްތަކެވެ. ވިންދު އަވަސް ވާ ވާހަކައާއި ހިތަށް ކުރާ ލޮބުވެތި އަސަރުތަކުގެ ވާހަކައެވެ.

ހުސައިން އަލީ ކިޔައިފައިވާ އެ ލަވައިގައި ދިވެހި ދިދައިގެ މަގާމާއި އެ ދިދަ ރަމްޒުކޮށްދޭ ކަންކަން އާދަމްބެ ވަނީ ވަރަށް ފުރިހަމައަށް ވިދާޅުވެދެއްވައިފައެވެ. ފެހި ކުލައިން ބުނެދެނީ މަދަނިއްޔަތުކަމެވެ. ރަތްކުލައިން ބުނެދެނީ ގައުމަށް ޓަކައި ޝަހީދުވި އަބުތޯލުންގެ ޒިކުރާއެވެ. ހުދު ކުލަ ބުނެދެނީ މާތްވެގެންވާ އިސްލާމް ދީނެވެ.

"އޭގެން އުފައްދަނީ ގައުމީ ރޫހެއް. ދިދަ ފެހުނީމައި ވާގޮތް. ރޫހު ތާޒާވާ ވާހަކަ. ޖޯސް ލިބޭ ވާހަކަ. އެ ތިންކުލައިން އިލްހާމެއް ބުނެދޭ. އެ ލިބިގަންނާށޭ،" އާދަމްބެ ވިދާޅުވިއެވެ.

ސިޔާސީ ފިކުރުތަކުގެ ސަބަބުން ގައުމު ބައިބައި ވެފައިވާއިރު ދިދަ ބުނެދެނީ އެގޮތަށް އެކަން ނުކުރުމަށް ކަމަށް ޅެމުގައި ބުނެއެވެ. ދިވެހި ދިދަ ވިހުރިލަވިހުރިލާ އެ ހުންނަނީ ދިވެހިން ހޯދި ނަސްރާއި ފަތަހަ ރަމްޒުކޮށް ދެމުންކަމެވެ. އެ ދިދަ އެ ހުންނަނީ ދިވެހިންގެ ވާޖިބުތަކެއް އޮތްކަން ހަނދާން ކޮށްދެމުން ކަމަށް ވެސް ދިދައިގައި ބުނެއެވެ.

އާދަމްބެ ވަނީ ދިވެހި ދައުލަތުން ދެއްވާ ޝަރަފުވެރި އިނާމު ކަމުގައިވާ ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ހާސިލުކުރައްވައިފައިވާ އާދަމްބެއަކީ އަދަބީ، ގައުމީ، ޢިޝްގީ އަދި އެކިއެކި މުނާސަބަތުތަކާ ގުޅޭ ޅެމާއި ވެށްޓާ ބެހޭ ތަފާތު ޅެންތައް ހައްދަވާފައިވާ ބޭފުޅެކެވެ.

އާދަމްބެ ވިދާޅުވާގޮތުގައި ދިވެހި ބަހަށް ލޯބި އުފެދި، ގައުމީ ރޫހު ލިބުނީ ތައުލީމީ ނިޒާމުގެ ތެރެއިންނެވެ. ހއ. އުތީމަށް އުފަން އާދަމްބެގެ ފުރަތަމަ މަދަރުސާއަކީ ހދ. ނޮޅިވަރަމްފަރުގައި މުހައްމަދު އަމީންގެ ވެރިކަމުގައި ފެއްޓެވި މަދަރުސަތުން އަމީނިއްޔާއެވެ. ފަހުންނަމަ މަދަރުސަތުލް އަމީރު އަމީނެވެ. އޭގެ ފަހުން ހއ. ދިއްދޫގައި ހިންގެވި އަތޮޅު މަދަރުސާއެވެ. 1957 އިން 1962 އާ ހަމައަށް ތައުލީމް ހާސިލު ކުރުމުގެ ތެރެއިން ދިވެހި ބަހަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނީއެވެ.

އާދަމްބެ އެންމެ ފުރަތަމަ ޅެން ހެއްދެވީ ސްކޫލު ދަރިވަރުންގެ މެދުގައި ނެރޭ މަޖައްލާތަކަށެވެ. ޅެންވެރިކަމުގެ ކަންކަން އެންމެ ބޮޑަށް ދަސްވީ ބައިތުބާޒީ ކުރުމަށް އެކި ފޮތްފޮތުން ޅެންތައް ހޯދުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިންނެވެ.

"އަޅުގަނޑުމެންނަށް ކިޔަވައިދިނީ ފޮތާއި ގޮތާ. މިހާރު ކިޔަވައިދެނީ އެހެނެއް ނޫން. އޭރު ސްކޫލުތައް ހިންގެވީ ވަރަށް ފެންވަރުގައި. އޭރު ވަރަށް ރަނގަޅަށް ދިވެހި ކިޔަވައި ދެނީ، ހުރިހާ ފަންނެއް ހުންނާނެ، އަތުލިޔުމުން ފެށިގެން ޅެން ހެދުމާ ހުރިހާ ކަމެއް ވެސް،" އާދަމްބެ ވިދާޅުވިއެވެ.

ޖުލައި 26، 2021: ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްދިޔަ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ނައިބު ފައިސަލް ނަސީމް އަދި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެވަޑައިންނެވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ 33 އަހަރު ކުރިން ފެށިގެން، ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15ވަނަ ދުވަސް ސަރުކާރުން ގެންދަވަނީ ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަމުންނެވެ. މި ދުވަސް ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމެވީ 1988 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15ވަނަ ދުވަހު އަލްއުސްތާޛު އިބްރާހީމް ޝިހާބު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ދުވަސް ހަނދާނަށް ގެނައުމުގެ ގޮތުންނެވެ. އެ މަނިކުފާނަކީ ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ އިތުރުން ދިވެހި ޅެންވެރިކަމަށް ވެސް ވަރަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ދިވެހި އަދަބީ ގުލްޝަނުގެ ޝާއިރުއްޝަބާބެވެ.

ދިވެހި ބަހުގެ އެކަޑަމީން ބުނާގޮތުގައި މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ޅެންވެރީންގެ ހިދުމަތުގެ އަގު ވަޒަންކުރުމާއި ދިވެހި ޅެންވެރިކަމަށް ދިވެހީން ހޭލުންތެރިކުރުވައި ބަހުގެ އަދަބުގެ ލޯބި އާލާކޮށް ދިރުވައި ޅެންވެރިކަމުގެ ފަންނު އިތުރަށް ދިރުވައި އާލާކުރުމެވެ. މިއީ މި ދުވަސް ފާހަގަކުރައްވަން ފެއްޓެވިތާ 33 އަހަރު ފުރޭ، 34ވަނަ ޅެންވެރީންގެ ދުވަހެވެ.

ކުޅަދާނަ ޅެންވެރިޔާ އާދަމްބެ މިއަދުގެ މުނާސަބަތުގައި ޅެންވެރިންނަށް ދޭން އޮތީ ކުރު މެސެޖެކެވެ.

"މަސައްކަތް ކުރައްވާށޭ، އިމާމުންނަށް ބައްލަވާށޭ" އެވެ.

comment ކޮމެންޓް