އުނގޫފާރާއި މާކުރަތުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރ. އުނގޫފާރާއި އެ އަތޮޅު މާކުރަތުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީއާއި ހަވާލުކުރަނީ --- ފޮޓޯ އެމްޓީސީސީ

ރ. އުނގޫފާރާއި އެ އަތޮޅު މާކުރަތުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގިކުރާ މާކުރަތު ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ އަގެއްގެ ގޮތުގައި 26 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މި ބަނދަރުގެ މަސައްކަތް ނިމޭއިރު 140 މީޓަރުގެ ބޭރު ތޮއްޓެއް ލައި، 85 މީޓަރުގެ ރިވެޓްމަންޓާއި 28 މީޓަރުގެ ގްރޮއިން ޖަހައި 129 މީޓަރުގެ އެއްގަމު ތޮށި ލެވޭނެއެވެ. އަދި މި މަސައްކަތުގެ ތެރެއިން އެ ބަނދަރު 45،023 ކިއުބިކް މީޓަރަށް ފުންކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އުނގޫފާރު ނެރު ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން 41،980 ކިއުބިކް މީޓަރަށް ބަނދަރު އަދި ނެރު ފުންކުރުން ވަނީ ހަމަޖެހިފައެވެ. އަދި 162 މީޓަރު ބޭރުތޮށި ލުމަށް ހަމަޖެހިފައިވާ މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ހަތް މަސްދުވަހުގެ ތެރޭގައެވެ. މި މަސައްކަތަށް ދައުލަތުން 18 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ.

މި ސަރުކާރުން ބަނދަރު މަރާމާތު ކުރުމުގެ ގިނަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. އަދި ވަރަށް ގިނަ ރަށްރަށުގެ ބަނދަރުގެ މަސައްކަތްވެސް ވަނީ ނިންމައި ބޭނުންކުރަން ފަށާފައެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައި ނ. ލަންދޫ އަދި ހދ. ނެއްލައިދޫ ބަނދަރު ވަނީ ނިންމާފައެވެ.

comment ކޮމެންޓް