ވިނަގަނޑު ރަނގަޅު ކުރަން ޖެހި ކެމިކަލްތަކުގެ ސަބަބުން ކޮތަރުތައް ބަލިވެފައި

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ވަނީ ބައްޔެއް ޖެހިފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަކީ އެތަނަށް ޒިޔާރާތް ކުރާ މީހުންނާ ވަރަށް ދޯޅަ ކޮތަރުތަކެކެވެ. ބަންދު ދުވަސްތަކުގައި ދަރީން ގޮވައިގެން، ބެލެނިވެރިން އެތަނަށް ދަނީ ކޮތަރުތަކަށް ކާންދޭށެވެ.

އެ ހިތްގައިމު މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ އެ ކޮތަރުތައް ބަލިވެފައިވާ ފޮޓޯތައް މީސްމީޑިއާގައި މިއަދު އާއްމުވިއެވެ. ގިނަ ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި ހުރީ އުންތަކެއް ނަގައިފައެވެ. ލޯ ކައިރީގައި ނަގައިފައި ހުރި އުންތަކުގެ ސަބަބުން ބައެއް ކޮތަރުތަކުގެ ލޯ ވެސް ވަނީ ފޮރުވިފައެވެެ.

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ވަނީ ބައްޔެއް ޖެހިފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކޮތަރުތަކަށް ޖެހިފައި މިވާ ބައްޔެއް އަދި ދެނެގަނެވިފައެއް ނުވެއެވެ. އެންވަޔަރމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ވެސް އެކަމަކާ ގުޅިގެން ބަހެއް ނުބުނެއެވެ. އަދި ދޫނިތަކާ ބެހޭ ބަލިތަކާ ގުޅޭ ކަންކަން ބަލަހައްޓާ ފިޝަރީޒް މިނިސްޓްރީން ވެސް މިކަމާ ގުޅިގެން ބަހެއް ނުބުނެއެވެ.

ބޭރުފުށުން ބަލާ ބެލުމަށް ކޮތަރުތަކަށް ޖެހިފައިވަނީ ޕިޖަން ޕޮކްސް ކަމަށް ބެލެވެއެވެ. އެއީ ދޫނިތަކުގެ ތެރޭގައި ގައިންގަޔަށް އަރާ ބައްޔެއް ނަމަވެސް، އިންސާނުންނަށް އެ ބަލިން ނުރައްކަލެއް ނެތެވެ.

ބަލާބެލުމަށް ކޮތަރުތައް ވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ. އަދި މި ބަލީގެ ސަބަބުން ކެއުމަށާއި ލޮލުގެ ފެނުމަށް އަސަރުތަކެއް ކޮށްފައިވާ ކަމަށް ބެލެވެއެވެ.

ތުހުމަތު ސިޓީ ކައުންސިލަށް!

ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރަނގަޅު ކުރުމަށް ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ ހޯމް މިނިސްޓްރީން އެތަނުގައި ބޭއްވުމުން ވެސް، ވިނަގަނޑަށް ގެއްލުންވާތީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަމާ ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ.

ކޮތަރުތައް ބަލިވެ އެކަން ސަމާލުކަމަށް އައުމާއެކު މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ އެކަން އެގޮތަށް ދިމާވަނީ ސިޓީ ކައުންސިލުން ވިނަގަނޑު ރަނގަޅު ކުރަން ޖަހާ ކެމިކަލެއްގެ ސަބަބުންކަމަށް ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް "ސަން"އަށް ވިދާޅުވީ، އެ ވިނަތަކަށް ޓްރީޓްމެންޓު ދެމުންދާ ކަމަށެވެ.

ނަރީޝް ވިދާޅުވީ އެތަނަށް އަޅައިފައި ހުންނާނީ ކެމިކަލް ބޭސް ކަމަށާއި ކޮތަރުތައް އެ ތަނަށް ގާތްވުން ސިޓީ ކައުންސިލަށް ނުހުއްޓުވޭނެ ކަމަށެވެ.

"ކޮތަރަކަށް ނޭނގޭނެތާ އެއީ ވަނުން މަނާ ސަރަހައްދެއް ކަމެއް. އެތަނަށް ބޭސް އަޅާފައި އެ ހުންނަނީ،" ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ އެކަމުގައި ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

މީގެ އިތުރުން، އެ ސަރަހައްދުގެ ވިނަގަނޑު ރަނގަޅު ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ނަރީޝް ވިދާޅުވިއެވެ.

"މޫނުމަތި ދެއްތޯ އެއީ ހުރިހާ ޓޫރިސްޓުންނާއި ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންނަށް ފެންނަ. އެތަން ބަލަހައްޓަން ޖެހޭނެތާ. ދެ އަހަރު ވަންދެން އަޅާނުލައި ދޫކޮށްލައިފައި އޮތީ،" ނަރީޝް ވިދާޅުވިއެވެ.

ދެ އަހަރު ވަންދެން ވިނަގަނޑަށް އަޅައިނުލައި ދޫކޮށްލައިފައި އޮތުމުން ޓްރީޓް ކުރުމަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކެމިކަލްތަކުގެ ސަބަބުން ކޮތަރުތައް ބަލިވެފައިވާއިރު، އެކަމުގެ ހައްލެއް ހޯދަން ޖެހޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ވިނަގަނޑު ހެދިފައި ކޮތަރުތައް މަރުވުމަކީ އެތަނުގެ ދިރުން ނެތިގެން ގޮސްފާނެކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

comment ކޮމެންޓް