އޯއޭސީޕީއެސްގައި ރާއްޖެއިން ބައިވެރިވުމާމެދު މަޖިލީހުގެ ލަފައަކަށް އެދެނީ

އޯއޭސީޕީއެސްގައި ރާއްޖެއިން ބައިވެރިވުމަށް، ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާދެއްވުން --

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދި ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް މި ގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ރާއްޖެއިން މި ޖަމްއިއްޔާގެ މެމްބަރު ގައުމަކަށްވުމުން ރާއްޖެއާއި އެފްރިކާ ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން، ރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިންމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުސަތު ފުޅާވުމާއި، ތަރައްގީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން އޯއޭސީޕީއެސް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ.

އެގޮތުން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިހާރު 79 ގައުމެއް ބައިވެރިވާ މި ޖަމްއިއްޔާގައި ރާއްޖެއިން ބައިވެރިވެއްޖެނަމަ ރާއްޖެ ވެގެންދާނީ މި ޖަމްއިއްޔާގައި ބައިވެރިވާ 80 ވަނަ މެންބަރު ގައުމަށެވެ.

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) އަކީ 6 ޖޫން 1975 ވަނަ އަހަރު ވުޖޫދުވި ޖަމުއިއްޔާއެކެވެ.

މި ޖަމުއިއްޔާ ވުޖޫދަށް އައިސްފައިވަނީ 1975 ވަނަ އަހަރު އުފެދުނު "ޖޯޖްޓައުން އެގްރިމެންޓް" ގެ ދަށުން މި ޖަމުއިއްޔާގެ މެމްބަރު ގައުމުތަކުގެ މެދުގައި ފަގީރުކަން ނައްތާލުމުގެ މަގުސަދުގައެވެ.

މީގެއިތުރުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުމަކީ ވެސް މި ޖަމުއިއްޔާގެ މގުސަދެކެވެ. އަދި ދުނިޔޭގެ އިގްތިސޯދުގެ ތެރެއަށް މި ޖަމުއިއްޔާގެ މެމްބަރު ގައުމުތަކުން ފުޅާ ރޯލެއް ކުޅުމަކީ ވެސް މި ޖަމުއިއްޔާގެ މެންޑޭޓުގައި ހިމެނޭކަމެކެވެ.

އޯއޭސީޕީއެސްގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ކެރީބިއަން، އެފްރިކާ އަދި ޕެސިފިކްގެ ބައެއް ގައުމުތައް ހިމެނެއެވެ.

މި ޖަމުއިއްޔާގެ އިދާރާ ހުންނަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސްލްސްގައެވެ.

އޯއޭސީޕީއެސްގެ މި ދައުރުގެ ސެކްރެޓަރީ ޖެނެރަލް އަކީ އެންގޯލާގެ ކުރީގެ ފޮރިން މިނިސްޓަރު ޖޯޖެސް ޗިކޯޓީއެވެ.

މި ޖަމުއިއްޔާގެ މެމްބަރުންގެ ގޮތުގައި މޮރިޝަސް އާއި ސޯމާލިއާ ފަދަ ގައުމުތައް ހިމެނޭއިރު، އދ.ގެ މެމްބަރު ގައުމުތަކުގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ ގޮނޑިތައް މި ޖަމުއިއްޔާގައި އެކުލެވެއެވެ.

comment ކޮމެންޓް