މާބަނޑުވިކަން ނޭނގި ހުއްޓާ ވިހެއި ދަރިފުޅު ނިޔާވެއްޖެ

ހުޅުމީދޫ ސިއްހީ މަރުކަޒު --- ފޮޓޯ/ މާހިލް ހަސަން ދީދީ

މާބަނޑުކަން ނޭނގި ހުއްޓައި ސ. ހުޅުދޫ އަންހެނަކު ވިހެއި ކުއްޖަކު ނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމީދޫ ސިއްހީ މަރުކަޒުގައެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ދީދީ "ސަން"އަށް ވިދާޅުވީ، ރޭ ފަތިހުގެ ވަގުތެއްގައި އެ އަންހެންމީހާ ސިއްހީ މަރުކަޒަށް ދިޔައީ ބަނޑުގައި ރިއްސާތީ ކަމަށެވެ. އަދި މަރުކަޒަށް ގެންދިޔަ ފަހުން އެ އަންހެންމީހާ ދަރިފުޅު ވިހެއި ކަމަށާއި، ދެ މިނިޓުގެ ތެރޭގައި އެ ކުއްޖާ ނިޔާވި ކަމަށެވެ.

އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި އެ ކުއްޖާއަށް ގާތްގަނޑަކަށް ހަތަރު މަސްވެދާނެކަމަށް ބެލެވެއެވެ.

"އެ ކުއްޖާގެ މަންމައަކަށް ނޭނގެ އޭނާ ބަނޑުބޮޑުކަން،" އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އެ އަންހެންމީހާއަށް މިވަގުތު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނެއެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާއެއް ހުޅުމީދޫ ސިއްހީ މަރުކަޒުގައި ހިނގާފައިވެއެވެ. އެގޮތުން ނުވަ މަސް ވަންދެން މާބަނޑުވިކަން ނޭނގި ހުއްޓައި މެއި 25، 2020 ގައި ކުއްޖަކު ވިހާފައިވެއެވެ. ވިހެއިއިރު ވެސް އެ ކުއްޖާގެ ހާލު ރަނގަޅެވެ.

comment ކޮމެންޓް