އެފްރިކާގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ، އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ސެނެގާލާއި ޒިންބާބްވޭ ކުޅުނު މެޗުގައި ސާޑިއޯ މާނޭ ފަހު މިނެޓުގައި ޖެހި ގޯލުން ސެނެގާލްގެ ފެށުން ރަނގަޅުކޮށްފިއެވެ.
ކެމަރޫންގެ ބަފޮއެސަމް އޮމްނި ސްޕޯޓްސް ދަނޑުގައި ކުޅުނު މެޗު ސެނެގާލުން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިން ޒިންބާބްވޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ މި މުބާރާތުގައި ސެނެގާލް ކުޅުނު ފުރަތަމަ މެޗަށްވާއިރު ލިބުނު ފުރަތަމަ މޮޅުވެސްމެއެވެ. އެ ޓީމު އޮތީ ތިން ޕޮއިންޓާއެކު ގްރޫޕް ބީގެ ތާވަލުގެ ދެވަނައިގައެވެ.
މެޗު ފަށައިގެން ދެ ޓީމުން ވެސް ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރިއެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބުނީ ސެނެގާލަށެވެ. އެ ޓީމުގެ ޓޯރޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ދެވަނަ ހާފުގައި ޒިންބާބްވޭގެ ފޯވާޑުން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް ސެނެގާލްގެ ކީޕަރު ސެނީ ޑިއެންގް ވަނީ ހަމަލާތައް ދިފާއުކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ޒިންބާބްވޭގެ މުޒޯނާ އުފެއްދި ނުރައްކާތެރި ހަމަލާ އޭނާ ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ސެނެގާލްއަށް ޕެނަލްޓީއެއް ލިބުނެވެ. ޕްރިމިއާ ލީގުގައި ލިވަޕޫލަށް ތަފާތު ދައްކަމުން އަންނަ ހުނަރުވެރި މާނޭ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭނާ ޕެނަލްޓީ ފޮނުވާލިއިރު އޭނާ ހުރީ މިރޭގެ މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން އިންޖަރީގައި ވެސް މެއެވެ. އެގޯލާއެކު މާނޭ ވަނީ ސެނެގާލަށް 27 ގޯލު ކާމިޔާބުކޮށްދީފައެވެ.
ގްރޫޕް ބީގެ ދެވަނަ މެޗު މިރޭ ކުޅުނު އިރު އެ މެޗު ގިނިއާ އިން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއިން މަލާވީގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗުގައި ގިނިއާއަށް ގޯލު ކާމިޔާބުކޮށްދީފައިވަނީ އިސިއަގާ ސިއްލާއެވެ.