ޔުވެންޓަސްގެ ތަރި ފެޑެރިކޯ ޗިއޭސާގެ ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ސާޖަރީއެއް ކުރިއަށް އޮތް ހަފްތާގައި ކުރާނެ ކަމަށް ބޭރުގެ އިތުބާރު ހިފޭ ރިޕޯޓްތަކުން ބުނެފިއެވެ.
އިޓަލީގެ ގައުމީ ޓީމަށް މިދިޔަ އަހަރުގެ ޔޫރޯ ތަށި ކާމިޔާބުކޮށްދިނުމުގައި އިސްރޯލެއް އަދާކުރި ޗިއޭސާގެ ކަކުލަށް އަނިޔާވީ ޖޯސް މޮރިނިއޯގެ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު ކާމިޔާބުކޮށްފައިވަނީ 3-4 ގެ ނަތީޖާއިން ޔުވެންޓަސްއެވެ.
ޔުވެންޓަސް އިން އޭނާގެ ފަޔަށް ލިބުނު އަނިޔާ ސިފަކޮށްފައިވަނީ "ބްލަންޓް ޓްރޯމާ ސްޕްރެއިން" ގެ ގޮތުގައެވެ. މިއީ ލިގަމެންޓަށް ކުރި އަސަރެއްގެ ސަބަބުން އޭނާގެ ކަކުލުގެ ހުޅަށް ލިބިފައިވާ ގެއްލުމެކެވެ.
"މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ޑައިގްނޯސްޓިކް ޓެސްޓްތަކެއް ހަދާފައި. ކުރިއަށް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ޗިއޭސާގެ ކަކޫ ސާޖަރީ ކުރަން ކޮންމެހެންވެސް ޖެހޭ" ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި އަނިޔާއާ ގުޅިގެން ޗިއޭސާއަށް މި ސީޒަނުގައި އިތުރަށް ނުކުޅެވޭނެ ކަމަށް ވެސް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.
މި ސީޒަނުގައި ޗިއޭސާ ވަނީ ކުޅުނު 18 މެޗުން ހަތަރު ގޯލު ޖަހާ ދެ އެސިސްޓު އެ ކުލަބަށް ހަދައިދީފައެވެ. ޗިއޭސާއަކީ ޔުވެންޓަސްއަށް މުހިއްމު ކުޅުންތެރިއަކަށްވުމާއެކު އޭނާ ނެތުމުން އެކުލަބަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ.
މީގެ އިތުރުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި އިޓަލީއަށް ކުޅުމުގެ އުންމީދު ޗިއޭސާއަށް ވަނީ ގެއްލިފައި ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.
އުމުރުން 24 އަހަރުގެ ޗިއޭސާ ވަނީ މިދިޔަ އަހަރުގެ ޔޫރޯގައި އިޓަލީއަށް ތަފާތު ދައްކާ މޮޅު ކުޅުމެއް ކުޅެފައެވެ. އަދި އެ މުބާރާތުގައި އޭނާ ވަނީ ހިތްގައިމު ރީތި ގޯލުތަކެއް ވެސް ޖަހާފައެވެ.
ޗިއޭސާ އަކީ ދުވެލި ބާރު ކުޅުންތެރިއަކަށްވުމާއެކު ރަނގަޅު ހުރަސްތަކެއް ނަގައިދޭ ގޮލު ޖެހުމަށް ފުރުސަތު ފަހިކުރާ ކުޅުންތެރިއެއްކަމުން ޔުވެންޓަސް އިން އޭނާ ނެތްތަން ފޫ ބައްދަން އުނދަގޫ ވާނެއެވެ.