ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފުލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ހެދި އެއްބަސްވުން ކުރީ ސަރުކާރުން އުވާލުމުން އެ ކުންފުންޏަށް ބަދަލެއްގެ ގޮތުގައި އެ ދެ ބިމާއި ފަޅުރަށެއް އަލުން ދޭން ނިންމައިފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން"އަށް ވިދާޅުވީ ބަދަލުގެ ގޮތުގައި ދެ ބިމާއި ފަޅުރަށް ދޭން ނިންމައި މި ހަފްތާގައި ސޮއިކުރެވޭނެ ކަމަށެވެ.
އަކްރަމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ފަޅުރަށެއް ޓާޓާއަށް ދޭން ނިންމައިފައިވާތީ ސަރުކާރަށް ނުވަ މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓާޓާ ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެެޓު އެޅިއެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި މަތީ ފެންވަރުގެ ފްލެޓު އަޅައި ވިއްކަން އެ ކުންފުންޏަށް ނާދީއާއި އޯޑިއޯން ހުރި ބިން ދިނެވެ. އަދި އެއްބަސްވުމުގެ ދަށުން ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް އޭރު އެ ކުންފުންޏަށް ދިނެވެ.
އެހެން ނަމަވެސް މަސައްކަތް ފަށަން ދިން މުއްދަތުގައި އެކަން ކުރިއަށް ނުދިޔަކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017ވަނަ އަހަރު އެ އެއްބަސްވުން ބާތިލު ކުރިއެވެ.
އަކްރަމް ވިދާޅުވީ އެ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
"ގޮތެއްފޮތެއް ބަލައިނުލައި ކުރީ ސަރުކާރުން [މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު] މުއިއްޒުމެން އެ އޮތީ އެހެން ހައްދަވައިފައި. އެ ގޮތުން މުއިއްޒުމެން ކުރައްވައިފައިހުރި އެތައް ކަމަކުން އަޅުގަނޑުމެން މި ސަަރުކާރުން އެބަޖެހޭ ބަދަލުދޭން،" އަކްރަމް ވިދާޅުވިއެވެ.
މީގެ އިތުރުން، އަކްރަމް ވިދާޅުވީ އެއްބަސްވުން ބާތިލުކުރުމުން 200 މިލިއަން ޑޮލަރު ( ތިން ބިލިއަން ރުފިޔާ) ހޯދަން ޓާޓާއިން އާބިޓްރޭޝަނަށް ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް އެ ކުންފުންޏާ މަޝްވަރާކޮށް އެކަން ހައްލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް އަކްރަމް ވިދާޅުވީ ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ބާތިލުކުރި އެއްބަސްވުންތަކުގެ ސަބަބުން ސަރުކާރަަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށެވެ. އެ ގޮތުން ނޫމަޑީގެ މައްސަލަ އޭނާ ފާހަގަ ކުރެއްވިއެވެ.
"ނޫމަޑި ވެސް އެ އޮތީ މުއިއްޒު އެކަން ކޮށްފައި ގޮސް ސަރުކާރާ އިދިކޮޅަށް ހެކިބަސް ދީފައި، ދީގެން ސަރުކާރަށް ޖެހުނީ އެތައް ލާރިއެެއް ދޭން،" އަކްރަމް ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް ޓާޓާ ކުންފުންޏަށް ލަގްޒަރީ ފްލެޓު އަޅަން ކުރީގެ ކުނިކޮށިން ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމާއި ނާދީހުރިތަނާއި ރިސޯޓުހަދަން ރަށެއް ވެސް ދޭން ނިންމައި އެޓާނީ ޖެނެރަލްގެ އޮފީހަށް ލަފާ ހޯދަން ފޮނުވިއެެވެ.