ޕްރެޒިޑެންޓްސް ކަޕްގައި ހަސަން ނަޒީމްގެ ހެޓްރިކާއެކު ކްލަބް ގްރީން ސްޓްރީޓްސް އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު ގްރީން އިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއިން ޓީސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މޮޅާއެކު ގްރީން އިން ވަނީ ފައިނަލަށް ދަތުރުކުރުމުގެ އުންމީދު ދަމަހައްޓާފައެވެ. ގްރީން މިހާރު އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ. އެއްވަނައިގައި 15 ޕޮއިންޓާއެކު ވެލެންސިއާ އޮތްއިރު 12 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މާޒިޔާއެވެ.
މެޗު ފަށައިގެން ދެ ޓީމުން ވެސް ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ނަޒީމް (ޗޯޓު) ގްރީން އަށް ލީޑު ނަގައިދިނެވެ. އަދި އަންސަރު ނަގައިދިން ހުރަހަކުން ޗޯޓު ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލިއެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ގްރީން އިން ލީޑު ފުޅާކުރިއެވެ. އަންސަރު ދިން ޕާހަކުން މިފަހަރުވެސް ބޯޅަ ތިރިތިރީން ގޯލަށް އަމާޒުކޮށް ފޮނުވާލީ ޗޯޓުއެވެ. ޓީސީ އިން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް ގްރީންގެ ކީޕަރު އިބްރާހިމް ލަބާން ޝަރީފް ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ގްރީންގެ ކުޅުންތެރިއެއް ކައިރިން ނެއްޓުމަށްފަހު ދާނިޝް ޓީސީއަށް ގޯލު ކާމިޔާބުކޮށްދިނެވެ. އޭގެ މިނެޓެއްފަހުން، ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗޯޓު ގޯލު ޖެހިނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ގްރީންއަށް އަންކޮ ގޯލު ކާމިޔާބުކޮށްދިނެވެ. އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ޗޯޓު ގޯލެއް ޖަހާ ހެޓްރިކް ފުރިހަމަ ކުރިއެވެ. އެ ގޯލު ޖެހިތާ މިނެޓެއް ފަހުން ޗޯޓު ނަގައިދިން ހުރަހަކުން އަންކޮ ބޮލުން ގްރީން އަށް ގޯލު ކާމިޔާބުކޮށްދިނެވެ. އެއީ އަންކޮ ރޭގެ މެޗުގައި ޖެހި ދެވަނަ ގޯލު ކަމަށްވާއިރު ގްރީންގެ ފަސްވަނަ ގޯލެވެ.
ގްރީން ސްޓްރީޓްސް އިން ދެން ކުޅެން ހަމަޖެހިފައިވަނީ މާޒިޔާއާއެވެ. ހަމައެހެންމެ މާޒިޔާ އިން މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ބައްދަލުކުރާނެއެވެ.