ނައިޓް މާކެޓް ހުއްޓުވުމުން ވިޔަފާރިވެރިން މުޒާހަރާ ކުރަން ފަށައިފި

ނައިޓް މާކެޓް ހުއްޓުވުމުން ވިޔަފާރިވެރިން މުޒާހަރާ ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވެގެން ނައިޓް މާކެޓް އިއްޔެ ހުއްޓުވާފައިވަނިކޮށް، އެކަމާ ދެކޮޅަށް ވިޔަފާރިވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.

ރަސްފަންނު ސަރަހައްދުގައި މުޒާހަރާ ކުރަނީ އެކި ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ.

ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ބާތިލްކުރުމަށްފަހު އެހެން ކަންމަކަށް އެޗްޕީއޭއިން ހުއްދަދެމުން އަންނަ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން އަޑުއުލައެވެ.

"ވަރަށް ބޭއިންސާފުން ވަކި ބަޔަކަށް ވަކިގޮތެއް ތިހަދަނީ،" މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

މީގެ ކުރިން ފުލުފުލުގައި ނައިޓް މާކެޓްތަކެއް ބާއްވާފައިވާއިރު އިއްޔެ އިން ފެށިގެން ހަތް ދުވަހަށް އިތުރު ނައިޓް މާކެޓެއް ބޭއްވުމަށް އޮތީ ނިންމައިފައެވެ.

އެ މީހުންގެ މައިގަނޑު ޝަކުވާއަކީ ނައިޓް މާކެޓް ބޭއްވުމަށް ސްޓޯލްތައް ވިއްކައި އެ މީހުންގެ އަތުން ފައިސާ ނަގާފައި އޮތުމެވެ.

އެގޮތުން 240 އަކަށް ސްލޮޓް އެތަނުގައި ހުރިއިރު 15 ހާސް ރުފިޔާއިން ފެށިގެން 7500 ރުފިޔާއާ ދެމެދުގެ އަގުތަކަކަށް ވަނީ މޭޒު ވިއްކައިފައެވެ.

"އަޅުގަނޑުމެންގެ މައްސަލައެއް ނެތް ނައިޓް މާކެޓް ނުބޭއްވުނަސްް. އެކަމަކު އަޅުގަނޑުމެންގެ އަތުން ނެގި ފައިސާއާ އަޅުގަނޑުމެން މިތަނަށް ހަރަދު ކުރި ފައިސާ އަނބުރާ ލިބެން ވާނެ،" ނައިޓް މާކެޓް ސަރަހައްދުގައި އިހުތިޖާޖު ކުރި ވިޔަފާރިވެރިއަކު ކިޔައިދިނެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އެޗްޕީއޭ އިން ވަނީ މީގެ ދެ ދުވަސްކުރިން ނައިޓް މާކެޓް ނުބޭއްވުމަށް އަންގާފައެވެ. ފަހުން ހުއްދަ ދޭން ނިންމާފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް އެންގުމަށްފަހުއެވެ.

ނަމަވެސް އެ ހުއްދަ އިއްޔެ އެޗްޕީއޭއިން އަނެއްކާވެސް ބާތިލްކޮށްފައިވަނީ ގައިޑްލައިނާ ހިލާފަށް ނައިޓް މާކެޓް ބޭއްވުމާ ގުޅިގެންނެވެ.

އެޗްޕީއޭއިން އެ ހުއްދަ ދިނީ، ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއްނުޖެހޭނެހެން ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް އިރުޝާދު ދިނުމަށް ފަހުއެވެ.

ނަމަވެސް އެޗްޕީއޭއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި ރަސްފަންނުގައި ނައިޓް މާކެޓް ކުރިއަށްގެންދަނީ މަގުމަތީ ބާޒާރެއް ގޮތަށް، އަދި މީހުން ތޮއްޖެހި ގައިދުރުކުރުމާއި މާސްކް އެޅުމަށް ސަމާލުކަން ނުދީކަން ފާހަގަ ކުރެވުނު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެހެންކަމުން އެ ބާޒާރު ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް އަންގައިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

comment ކޮމެންޓް