"އެންމެންގެ ބާޒާރުގެ" ނަމުގައި ހުޅުމާލޭގައި ޚާއްސަ މާކެޓެއް

"އެންމެންގެ ބާޒާރުގެ" ނަމުގައި ހުޅުމާލޭގައި ހާއްސަ މާކެޓެއް ---

އިންޓެންސިޓީ ޕްރައިވެޓް ލިމިޓެޑުން އިސްނަގައިގެން ރަމަޟާން މަހާ ދިމާކޮށް ހުޅުމާލޭގައި "އެންމެންގެ ބާޒާރުގެ" ނަމުގައި ޚާއްސަ މާކެޓެއް ބާއްވަން ހަމައްޖައްސާފިއެވެ.

މި މާކެޓް ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލެ ފޭސް އެކެއްގެ ރުއްގަނޑު ދޭއް ސަރަހައްދުގައި މި މަހުގެ 17ވަނަ ދުވަހުން ފެށިގެން 26ވަނަ ދުވަހުގެ ނިޔަލަށެވެ. މި މާކެޓު ކުރިޔަށް ގެންދާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 ފެށިގެން ރޭގަނޑު 12:00 އަށެވެ.

މި ނައިޓް މާކެޓްގައި 115 ސްޓީލް ބަހައްޓަން ނިންމާފައިވާ ކަމަށާއި މި މާރުކޭޓުގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިވެރިންނަށް އަދިވެސް ފުރުސަތު އެބައޮތްކަމަށް އިންޓެންސިޓީގެ ފަރާތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންޓެންސިޓީން ބުނީ ގިނަ ސްޓޯލްތަކެއް ވިކިފައިވީ ނަމަވެސް މި މަހުގެ 15ގެ ނިޔަލަށް ސްޓޯލްތައް ހުސްވަންދެން، ސްޓޯލްތައް ގަތުމުގެ ފުރުސަތު ހުޅުވާލާފައި ބާއްވާނެ ކަމަށެވެ.

"15ވަނަ ދުވަހަކީ ސްޓޯލްތައް ގަތުމުގެ ފަހު ދުވަހުގެ ގޮތުގައި މި ހަމަޖެއްސީ ވެސް، އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސްޓޯލްތައް ގަންނަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ބޭނުމުގައި، 15ވަނަ ދުވަހު މާކެޓްގެ ސައުންޑް، ލައިޓް އަދި ކަރަންޓު އަދި އެހެނިހެން މަސައްކަތް ކުރާ ގޮތަށް މި އޮތީ އަދި 16ވަނަ ދުވަހަކީ ވިޔަފާރިވެރިން ސްޓޯލްތައް އަޅާ ދުވަހުގެ ގޮތުގައި ހަމަޖެހިފައި މިއޮތީ،" އިންޓެންސިޓީގެ އޮފިޝަލް ވިދާޅުވިއެވެ.

މާކެޓްގައި ސްޓޯލް ގަތުމަށް ބޭނުންވާ ފަރާތްތަކުން 7606047 ނުވަތަ 7786236 ގުޅައިގެން އެ ކަން ކުރިއަށް ގެންދެވޭނެއެވެ.

މި މާކެޓްގައި ހުންނާނެ ސްޓޯލްތަކުގައި ތެރޭގައި ބަދިގެ ސާމާނު އަންނައުނު، ގަސް، ކާބޯތަކެތި ފަދަ އެހެނިހެން މުދާތައް ހިމެނޭނެ ކަމަށާއި ގަނޑުކޮށް މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ބައެއް ސްޓޯލްތަކުން އެ ފުރުސަތު ލިބޭނެކަމަށް މި މާކެޓް އިންތިޒާމްކުރި ފަރާތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންޓެންސިޓީ ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރިގޮތުގައި މާކެޓް ކުރިއަށްދާ ވަގުތު، ސްޓޯލްތަކުން އިޝްތިހާރު އެނައުންސް ކުރަން ބޭނުންވާ ކަމުގައިވަނީ ނަމަ ކުޑަ އަގަކާއެކު، އެކަން ވެސް ފަހި ކުރެވިގެންދާނެ ކަމަށާއި އެކަމަށް ހާއްސަ ޑެސްކެއް ބެހެއްޓިފައިވާނެއެވެ.

"މި މާކެޓްގައި، އަޅުގަނޑުމެން އެބަ ބަލަން ސަރައުންޑް ސައުންޑާއި ލައިޓިން ވަރަށް ރަނގަޅު ކުރަން، ތަނަށް ވަންނަ މީހުން ވަރަށް ހިތްހަމަޖެހޭ، ސަޅި ވައިބެއް ބެހެއްޓޭތޯ ވަރަށް މަސައްކަތްކުރާނަން," މި މާކެޓް އިންތިޒާމްކުރާ ފަރާތުން ފާހަގަކުރިއެވެ.

މީގެ އިތުރުން "އެންމެންގެ ބާޒާރު"ގައި ކުޑަކުދިންނަށް ކުޅެލެވޭ ގޮތަށް ބައުންސީ ހައުސް ތަކެއް ހަވީރު 4:00ން 6:00 އަށް ބެހެއްޓިފައި ހުންނާނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އިންޓެންސިޓީ ޕްރައިވެޓް ލިމިޓެޑުން މި ފަދަ މާކެޓެއް އިންތިޒާމް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ރަނގަޅު މާހައުލެއްގައި، އެއްތަނަކުން ރައްޔިތުންނަށް އަގުހެޔޮކޮށް ތަކެތި ގަނެލެވޭނެ ފުރުސަތު ހޯދައިދިނުން ކަމަށާއި، ޚާއްސަކޮށް ރޯދަމަހާއި ދިމާކޮށް މިފަދަ މާކެޓެއް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ރައްޔިތުންނަށް އެއްތަނަކުން ފަސޭހަކަމާއެކު އެ ފުރުސަތު ހޯދައިދިނުން ކަމުގައި އެފަރާތުން ވަނީ ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެން މުޅި މާކެޓް ބައްޓަން މި ކުރަނީ ތީމެއްގެ މައްޗަށް، މި ކުންފުންޏަކީ އެއްބައިވަންތައް ކަމަށް ވަރަށް އަހަމިއްޔަތުކަން ދޭ ކުންފުންޏަކަށްވެފައި، މި މާކެޓަށް ނަން ދީފައިވެސް ވާނީ އެގޮތަށް ވިސްނާފައި "އެންމެންގެ ބާޒާރު" އަދި އެގޮތުން ރިޟްވާން އައިމަން (ރިއްޓެ) އަމިއްލަ ލަވައެއް ކަމުގައިވާ "އެންމެން" އެ ލަވަ މުޅި އިންވެޓްގައި ތީމް ލަވައިގެ ގޮތުގައި ހިމަނާފައި ވާނީ," މި މާކެޓް އިންތިޒާމް ކުރާ ފަރާތުން ފާހަގަކުރިއެވެ.

މި މާކެޓް ހުޅުވަން ހަމަޖެހިފައި ވަނީ ފެބުރުވަރީ 17ވާ ހޯމަ ދުވަހު "ބިދަބިން"ގެ ހާއްސަ ސަގާފީ ހަރަކާތްތަކަކާ އެކުގައެވެ.

comment ކޮމެންޓް