ރާއްޖެއަށް 968.2 މިލިއަން ރުފިޔާގެ ހިލޭ އެހީދޭން ޗައިނާ އިން ނިންމައިފި

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖެއަށް 968.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުން ހިމެނޭހެން ޖުމްލަ ފަސް އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ މެދުގައި މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހުގައެވެ.

ދެ ގައުމުގެ ރަސްމީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައިވަނީ ޗައިނާގެ ފޮރިން މިނިސްޓަރުގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

ރާއްޖެއަށް 968.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ޗައިނާއިން ދެނީ މިއަދު އެ ގައުމާއެކު ސޮއިކުރި އިގްތިސޯދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގެ ދަށުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެހީ އަކީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީއެއް ކަމަށެވެ.

ޗައިނާއާއެކު މިއަދު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް/ކޭމްޕެއް ޗައިނާއިން ހިންގާނެއެވެ. މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 2019 ވަނަ އަހަރުއެވެ. މިއަދު ސޮއިކުރި އެއްބަސްވުމަކީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރި އެއްބަސްވުމެކެވެ.

މިއަދު ބޭއްވި މަޝްވަރާތަކަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ވަނީ ދެ ގައުމުގެ ގުޅުން ދައްކުވައިދޭ ވީޑިއޯއެއް ދައްކައިފައެވެ. އަދި ދެ ގައުމުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ލޯގޯ ވެސް ވަނީ ތައާރަފްކޮށްފައެވެ.

ހަމައެހެންމެ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މީގެ އިތުރުން ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށް ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ބްރިޖް އެޅުމަށް ޗައިނާއާ އެކު ސޮއިކުރި އެއްބަސްވުމުގައި ވާގޮތުން ދިވެހި ސަރުކާރާ ބްރިޖް ހަވާލުކުރާތާ ދެ އަހަރު ވަންދެން އެ ގައުމުން ބްރިޖްގެ މަރާމާތުގެ މަސައްކަތްތައް ކުރަންޖެހެއެވެ. އެ މުއްދަތު މިދިޔަ އަހަރު ވަނީ ހަމަވެފައެވެ. އެހެންކަމުން ޗައިނާއިން ބްރިޖްގެ މަރާމާތުގެ މަސައްކަތް ކުރުމަށް އަނެއްކާވެސް މިއަދު އެއްބަސްވުމެއްގައި ސޮއިކުރީއެވެ.

ހަމައެހެންމެ ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރެވޭނެއެވެ. މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

comment ކޮމެންޓް