ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކޮށްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން: އީސީ ޝަރީފް

އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ވެސް ކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިހާރު އެ ހުންނެވީ ސިޔާސީ މައިދާނަށް ނުކުންނަވާ ކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ކުރިއަށް އޮތް ތަނުގައި ދެން ފެންނާނީ ރައީސް ސޯލިހާ އެކުގައި މަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ.

"ރައީސް ސޯލިހަށް ވޯޓު ހޯދައިދިނުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭން ތައްޔާރަށް އަޅުގަނޑު މި ހުރީ. އެހެންވީމަ އެގޮތަށް ބަލާއިރު ރައީސް ސޯލިހަށް ކާމިޔާބު ވުން އަޅުގަނޑު އެދެނީ. ނަމަ ވެސް ކުރީގަ އަޅުގަނޑު އުޅުނު ޕާޓީއަށް ވާތީ ޕީޕީއެމަށް ދެރަ ބަހެއް ދަންނަވާކަށް ބޭނުމެއް ނޫން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އޭނާގެ ހަށިގަނޑުގައި ހުރި ނަމަ ހުރި، ހަކަތައެއް ވެސް ހުސްކުރާނީ ރިޔާސީ އިންތިހާބުން، ރައީސް ސޯލިހަށް ވީހާވެސް ގިނަ ވޯޓު ހޯދައިދިނުމުގެ މަސައްކަތުގައި ކަމަށެވެ.

"ރައީސް ސޯލިހަށް ދެންނެވިން އަޅުގަނޑަކީ މަނިކުފާނަށް ވޯޓު ދިން މީހެއް ނޫނޭ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ހުންނާނީ މަނިކުފާނާ އެކީގަ ކަމަށް ދެންނެވިން،" ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ބެހޭގޮތުން މީގެ ކުރިން ވެސް ދައްކަވާފައިވާ ވާހަކަތައް ފަށްކުރައްވަމުން ޝަރީފް ވިދާޅުވީ ވޯޓު އޮޅުވާލުމަށް ޓަކައި އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ވޯޓު ލުމާއި އަދި ވޯޓު ގުނުމުގެ ކަންކަން ވެސް ކުރީ ހުރިހާ ޕާޓީތަކުގެ މަންދޫބުންނާއި އޮބްޒާވަރުންގެ ކުރިމަތީގައި ކަމަށެވެ.

ޝަރީފް ވިދާޅުވީ ވޯޓު ފޮށްޓާ ހަވާލުވާ ބަޔަކު ހަވާލު ވުމަށްފަހުގައި އިލެކްޝަންގެ މަރުކަޒީ ބާރު ކެނޑުނީ ކަމަށާއި ފޮށިތަކުގެ ނަތިޖާ އިއުލާނު ކުރުމުގެ ކުރިން އިލެކްޝަން ކޮމިޝަނާ ހަމައަށް އެ ފޮށި ވެސް އަދި ނަތީޖާ އެއް ވެސް ނާންނާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުގެ އެންމެ ފުރަތަމަ ސުވާލަކީ އެ އިންތިހާބާމެދު ސުވާލު އުފައްދާ ފަރާތްތަކުން އަޅެ މިއަށް ޖަވާބު ދެއްވަ ބައްލަވާށޭ، ވޯޓު ގުނާ މަރުކަޒެއްގަ އިއުލާނުކުރި ނަތީޖާ ނޫން ނަތީޖާއެއް އިލެކްޝަން ކޮމިޝަނުން އިއުލާނު ކޮށްފަ އެބަ އޮތްތޯ؟" ޝަރީފް ވިދާޅުވިއެވެ.

"އެހެންވީމަ ތޭވީސް ހާސް ވޯޓު ނުވަތަ އެއަށްވުރެ ގިނަ ވޯޓުގެ ބޮޑު ތަފާތެއް އައިއިރުގައި އެވަރުގެ ތަފާތެއް ދެއްކޭނެ ނަތީޖާއެއް އެބައޮތްތޯ މިއީ ސުވާލަކީ،" އޭނާ ވިދާޅުވިއެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފަށައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ވެސް ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަރީފް ވިދާޅުވީ ޔާމީނަށް ރައްދުވާ ގޮތަށް އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

"ރައީސް ޔާމީން ކަހަލަ ބޭފުޅަކު އެކަހަލަ ވާހަކަ ދެއްކީމަ، އަޅުގަނޑު ހަމަ އެކަނި ޓްވީޓުގައި ވެސް ދަންނަވާފަ އިންނާނީ ތަންދޮރު ނުދަންނަ ޖާހިލެއް ދައްކާ ކަހަލަ ވާހަކަ ނުދައްކާށޭ އަޅުގަނޑު އެންމެ ފަހުން ވެސް ދަންނަވާފަ އޮންނާނީ،" ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ކާނިވަލުގައި ބޭއްވި ޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ހާއިނުންގެ ތެރެއިންވެސް އަރާ ހުރި ހާއިނެއް ކަމަށް ރައީސް ޔާމީން ސިފަ ކުރެއްވިއެވެ.

ޔާމީން ވިދާޅުވެފައިވަނީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިހާބުގައި އޮޅުވާލި ކަން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ވެސް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. ވަކީން ހާއްސަ ގޮތެއްގައި ދިވެހި އަސްކަރިއްޔާގައި އިސްކޮށް ތިބި ފަރާތްތަކުގެ ދައުރު އެކަމުގައި ބޮޑު ކަަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފު ވާނެ ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އަށް ބަލާއިރު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޯއްދެވީ 134،706 ވޯޓެވެ. އެއީ 58.4 ޕަސެންޓެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،501 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

comment ކޮމެންޓް