އެމްޑީޕީ ނޫން ވެރިކަމެއްގައި ކޮމަންޑޫއަށް ވީ ކަމެއް ނޯންނާނެ: ޝިފާޒް

އެމްޑީޕީން ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ޝިފާޒް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީ ނޫން ވެރިކަމެއްގައި ކޮމަންޑޫއަށް ވީ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒް ވިދާޅުވީ ޝަމްސުއްދީންގެ ވެރިކަމުން ފަށައިގެން މިއަދާ ހިސާބަށް އައި އިރު، އެންމެ ގައު ބުރިއެއް ވެސް ކޮމަންޑޫގައި އިތުރުވެފައި އޮތީ އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ފުރުސަތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ކޮމަންޑޫއާއެކު އުފައްދާފައި އޮތް ގުޅުމަކީ ދުވަހަކުވެސް ވަކި ނުކުރެވޭނޭ ފަދަ ބަދަހި ގުޅުމެއް ކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަދި ބާރަށު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު ޝިފާޒް ވިދާޅުވީ ކޮމަންޑޫ ރައްޔިތުންގެ ދަރިން މިއަދު ފުރަތަމަ ޑިގްރީއަށް ކިޔަވަނީ ހިލޭ ހަމަށެވެ. އެގޮތުން ކޮމަންޑޫގައި މިވަގުތު ވެސް 48 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަމުން އެބަ އަންނަ ކަމަށް ވިދާޅުވިއެވެ.

"ކެރިހުރެ ދަންނަވަން ކެރޭ، ޝަމްސުއްދީން ވެރިކަމުން ފެށިގެން މިއަދާ ހިސާބަށް ގައު ބުރިއެއްވެސް މި ކޮމަންޑޫއަށް އިތުރުވެފައި އޮތީ އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ފުރުސަތުގައި. ޗެލެންޖު ކޮށްފަ މި ދަންނަވަނީ. އެހެން އެއްވެސް ވެރިކަމެއްގަ ވީ ކަމެއް ނޯންނާނެ،" ޝިފާޒް ވިދާޅުވިއެވެ.

ކޮމަންޑޫ ބިން ހިއްކަން ފެށުމުގެ ކުރިން އޮތް ގޮތް --

ޝިފާޒް ވިދާޅުވީ ހިތްހަމަ ނުޖެހުމެއް އައީ އެންމެ ފަހަރަކު ކަމަށް ވިޔަސް އެއީ ދެން ހުރި ހުރިހާ ކަމެއް ގޯސް ކުރަންޖެހޭ ފަހަރުތަކެއް ނޫން ކަމަށާއި އެމްޑީޕީއާ ކޮމަންޑޫ ބީރަށްޓެއްސެއް ނުވާނެ ކަމަށެވެ.

މީގެއެތައް އަހަރެއް ކުރިން އޭނާ ކޮމަންޑުއަށް ވަޑައިގަތް ކަމަށާއި އޭރު އެރަށު ރައްޔިތުންނަށް ސަރުކާރަކުން އަސާސީ ޚިދުމަތް ފޯރުކޮށްނުދޭ ކަމަށް ވެސް އޭނާ ވިދާޅުވުއެވެ.

"އަމިއްލައަށް ފެންހިޅޮ ގުޅާފަ ހުރީ. އަމިއްލައަށް ކޭބަލް ޓީވީ ލާފަ ހުރީ. އަމިއްލައަށް ލޭންޑް ލައިން ފޯނެއް ގޭގައި އިން. އަމިއްލައަށް ކަރަންޓް ލާފަ ހުރީ. ސަރުކާރަކުން ނޫން. ރައްޔިތުން އަމިއްލައަށް. މިއީ އަޅުގަނޑަށް ފެނު ތަން،" ޝިފާޒް ވިދާޅުވިއެވެ.

ކޮމަންޑުއަށް އެންމެ ގައު ބުރިއެއްވެސް އިތުރުވެފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް ޝިފާޒް ވިދާޅުވިއިރު، ބޮޑު މިނުގައި ހަތް ހެކްޓަރު ވެސް ހަމަނުވާ ކޮމަންޑޫގެ ބިން 17 ހެކްޓަރަށް ބޮޑުކުރީ ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

2018: ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށަނީ--- ފޮޓޯ/ އެމްޓީސީސީ

ކޮމަންޑޫގެ ބިން ހަތް ހެކްޓަރުން 17 ހެކްޓަރަށް ބޮޑުކުރީ އެއް ހަފްތާގެ ތެރޭގައެވެ.

ކޮމަންޑޫ ބިން ހިއްކުމުގެ މަޝްރުއުގެ މަސައްކަތް ނިންމާލާފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ އޭޕްރީލް 16 ވަނަ ދުވަހުއެވެ.

2018: ކޮމަންޑޫ ބިން ހިއްކާ ނިންމާފައި ---

ކޮމަންޑޫ ކައުންސިލްގެ އޭރުގެ ރައީސް މުހައްމަދު މުފީދު "ސަން"އަށް ވިދާޅުވެފައިވަނީ މިއީ އެތައް ޒަމާނުންސުރެ އެެރަށު ރައްޔިތުން ކުރަމުން އައި އިންތިޒާރުގެ ފޮނި ނިމުން ކަމަށާއި ހުރިހާ ރައްޔިތުން ވެސް ތިބީ އުފަލުން ކަމަށެވެ.

"މިއީ ވަރަށް އުފާވެރިކަމެއް. ހުރިހާ ރައްޔިތުން ވެސް ވަރަށް އުފާ ކުރޭ މިކަން ހަގީގަތަކަށް ވުމުން. މީގެ ކުރިން ރަށުގެ ތިން ފަރާތުން ހޭޅި ފަށުގައި ހުރި ގެތައް ހުރީ ގާތްގަނޑަކަށް މޫދުގައި،" މުފީދު ވިދާޅުވިއެވެ.

ކޮމަންޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް 2018 ވަނަ އަހަރުގެ ބަޖެޓުގައި 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމެނިއެވެ.

comment ކޮމެންޓް