ރައްޔިތަކަށް އެއްވެސް ލުއިފަސޭހައެއް ވާނޭ ގޮތަށް މިހާރު އޮތް ޕީއެންސީ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އެންމެ ގާނޫނެއް ވެސް އަދި ހަދާފައި ނެތް ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހިދު (ވައްޑެ) މިރޭ ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ވައްޑެ ވަނީ، ގާނޫނަށް އިސްލާހެއް ގެނައުމުގެ މާނައަކީ ކުރިން އެ ގާނޫނެއް އޮތް ގޮތަށްވުރެ ފަސޭހަ ކުރުންކަން ފާހަގަ ކުރައްވައިފައެވެ. އެހެން ނަމަވެސް މިހާރު އޮތް "ދިވެހީންގެ ރާއްޖެ" މަޖިލީހުން ރައްޔިތަކަށް ތުރާވާ ގޮތަށް ނޫނީ ގާނޫނެއް ފާސްކޮށްފައި ނެތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
"ކޮންމެ ގާނޫނަކަށް ބެލިޔަސް އަދި މިހާތަނަށް އަޅުގަނޑުމެންނަކަށް މި މަޖިލީހަކުން ކުރިން އޮތް އެއްޗެއް އިތުރަށް ކޮށައި އަޅާލައި، ރައްޔިތަކަށް އިތުރު ތަކުލީފެއް، އިތުރު ތުރާލެއް، އިތުރު ދަތިކަމެއް ގެނެވޭ ކަމެއް ނޫނީ އަދި އެއް ކަމެއް ނުކުރޭ،" ވައްޑެ ވިދާޅުވިއެވެ.
ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މިދިޔަ ބުދަ ދުވަހުވަނީ އިރުކޮޅެއްގެ ތެރޭގައި ގާނޫނަށް ބޮޑު ތިން އިސްލާހެއް ގެނެސްފައެވެ. ހަމަ އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް އެ އިސްލާހުތައް ތަސްދީގު ވެސް ކުރެއްވިއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުމާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން ހިމެނެއެވެ.
މި ކަމާ ގުޅިގެން ވައްޑެ ވަނީ، ރާއްޖޭގެ ސަރަހައްދާ ގުޅޭ ގޮތުންނާއި، ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ގުޅޭ ވާހަކަ ދައްކަންޖެހޭގޮތަށް މެދުވެރިވެފައި އޮތީ ކޮން ހާލަތެއްތޯ ސުވާލު ކުރައްވައިފައެވެ. ވައްޑެ ތުހުމަތުކުރެއްވި ގޮތުގައި ރައީސް އެ ކުރެއްވި ކަމަކީ، ރާއްޖޭގައި އަސްކަރީ މަރުކަޒެއް އެޅުމުގެ ޝައުގުވެރިކަން އޮތް ބަޔަކަށް ވިއްޔާ، ރައީސް މެދުވެރިކޮށް އެ ކަން ކުރެވޭނެ ކަމުގެ މެސެޖު ދެއްވުމެވެ.
"ދިވެހިރާއްޖޭގެ ސަރަހައްދާބެހޭ ވާހަކަ ދައްކަންޖެހޭ ކޮން ސަބަބެއްތޯ ދުނިޔޭގައި އޮތީ މި ވަގުތު؟ މުއިއްޒު އެ ދެއްވި މެސެޖަކީ، ތިމަންނާގެ މުށުގައޭ މި އޮތީ ދިވެހިރާއްޖޭގެ ސަރަހައްދަށް ބޭނުން ގޮތެއް ހެދުމުގެ ބާރު،" ވައްޑެ ވިދާޅުވިއެވެ.
މިއީ ނުރައްކާތެރި ކަމެއްކަން ފާހަގަ ކުރައްވައި އޭނާވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
ހަމަ މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ވަނީ މި ސަރުކާރަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މަގުބޫލުކަން ކުޑަ ސަރުކާރު ކަމަށް ވިދާޅުވެފައެވެ. ސަރުކާރަށް އަހަރު ދުވަސްވީއިރު، ރައްޔިތުން ތިބީ ސަރުކާރާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ގެނައުމުގައި ޑިމޮކްރެޓުން މެދިވެރިއަކަށްވީ ނަމަވެސް، މެނިފެސްޓޯއާ ޚިލާފުވެއްޖެނަމަ، ކޮންމެ ސަރުކާރަކަށް ވެސް ނޫނެކޭ ބުނުމުގެ ހިތްވަރު ޑިމޮކްރެޓުންގެ ކިބައިގައި ހުންނާނެ ކަމަށެވެ.
މިރޭ ބޮނޑިބަތް ޕާކުގައި ބޭއްވި ކަންމަތީ ޖަލްސާއާ އެކު ޑިމޮކްރެޓުން ވަނީ ސިލްސިލާކޮށް އެ ފަދަ ހަރަކާތްތައް ކޮންމެ ހަފްތާއަކު ކުރިޔަށް ގެންދާނެކަން އިއުލާން ކޮށްފައެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.