ސްޓެލްކޯއިން ހުޅުލެއަށް ކަރަންޓުފޯރުކޮށްދޭން ފަށަނީ

ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.

އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ އެކްޓިން އިންޗާޖް އިބްރާހިމް ތޯހާއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ގައުމަށްދިމާވާ ކޮންމެ ކަމެއްގައިވެސް އެެންމެ އިސް ސަފުގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، ގައުމުގެ އިގްތިސޯދަށް އެންމެ ބޮޑަށް ހިއްސާވާ ކުންފުންޏަކީ އެމްއޭސީއެލް ކަމަށެވެ.

މީގެ އިތުރުން މުޣުނީ ވިދާޅުވީ އެެމްއޭސީއެލްގެ ކުރިއެރުމަކީ މުޅި ގައުމުގެވެސް ކުރިއެރުން ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައި އަދި ހާއްސަކޮށް ގައުމުގެ ތަރައްގީއާއި ކުރިއެރުމާއި، ގުޅުންހުރި، ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން ފަސްނުޖެހޭނެ ކަމަށެވެ.

"އެމްއޭސީއެލްވެސް މިވަނީ ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެންނަށް ދިމާވި ދަތިތަކުގައި އެހީތެރިކަން ދެއްވާފައި. ހަމަ އެގޮތައް އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންގެވެސް މޯރަލް އަދި އެތިކަލް އޮބްލިގޭޝަންއެެއް އޮތްކަމަށް އެމްއޭސީއެލްއަށްވެސް ދަތިކަމެއްދިމާވާ ވަގުތުގައި އެކަމަށް އެހީތެރިވެދޭން،" މުޣުނީ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ އެކްޓިންގ އިންޗާޖް ތޯހާ ވިދާޅުވީ، އެއާޕޯޓް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިވަގުތުވެސް ކުރަމުންދާ ކަމަށެވެ. އަދި އެއާޕޯޓް އިތުރަށް ތަރައްގީކުރުމަށް ހަދާފައިވާ މާސްޓާޕްލޭންގައި ވެސް ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ހިމެނޭއިރު، އެކަންކަމުގެ ތެރޭގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށް ވިދާޅުވިއެވެ.

މިވަގުތު އެމްއޭސީއެލްއިން ހުޅުލެއަށް ކަރަންޓު ދެމުންގެންދާއިރު، ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް