މަގުމަތީ ބާޒާރަށް ހުއްދަ ދޫކުރުން މާލެ ސިޓީ ކައުންސިލުން މަޑުޖައްސާލައިފިއެވެ.
ސިޓީ ކައުންސިލުން ރޭ ނެރުނު އިއުލާނެއްގައި ބުނީ، އެޗްޕީއޭއިން އެ ކައުންސިލަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ފަދައިން، ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ނައިޓް މާކެޓް ފަދަ ހަރަކާތްތަކަށް ހުއްދަ ދިނުން މެދުކަނޑާލާފައިވާ ކަމަށެވެ.
"ދުނިޔޭގެ އެކި ގައުމުތަކުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން މިހާރު ފެނިފައިވުމާއި، ބަލިޖެހޭ އަދަދު މާލޭގައި މިހާރު ގިނަވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީގައި ކުރިޔަށްދާ ނައިޓް މާކެޓް ފަދަ އިވެންޓްތަކަށް ހުއްދަދިނުން ވަގުތީ ގޮތުން ހުއްޓާލެވިފައިވާ ވާހަކަ ދަންނަވައި އާންމުކޮށް އަންގާ އިއުލާންކުރީމެވެ." ސިޓީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.
ނައިޓް މާކެޓް ފަދަ ހަރަކާތްތައް ނުބާއްވަން ކައުންސިލުން ނިންމާފައި މިވަނީ، އެންމެ ފަހުން މާލޭގައި އެ ކައުންސިލުން ބޭއްވި މަގުމަތީ ބާޒާރު ރޭގައި ނިމުމާއެކުއެވެ.
މިއަހަރު ސިޓީ ކައުންސިލްގެ ފަރާތުން މާލޭގައި ނައިޓް މާކެޓް ބާއްވާފައި ވަނީ މިދިޔަމަހުގެ 26ން އިއްޔެގެ ނިޔަލަށް ރަސްފަންނު ސަރަހައްދުގައެވެ.
ބާރުބޮޑު މަގުމަތީ ބާޒާރަށް ރޭގައިވެސް ގިނަ އަދަދެއްގެ މީހުން ވަނީ ޒިޔާރަތް ކޮށްފައެވެ. ކައިރި ކައިރީގައި ސްޓޯލްތައް ހުރއިރު، މާސްކު އެޅުމެއް، ގައިދުރުކަމެއް ނެތި ގިނަ އަދަދެއްގެ މީހުން ވަނީ މަގުމަތީ ބާޒާރަށް ގޮސްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލެއިން އެކަނިވެސް އިއްޔެ 102 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ.
މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 96،746އަށް އަރާފައެވެ.
ނ. ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިދިޔަ އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަހު، ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑާ ގުޅުވައިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ވިދާޅުވިއެވެ.